ރައްޔިތުންގެ ސުވާލުތަކަށް މަޖިލީހުގެ ރައީސް މިރޭ ޖަވާބުދެއްވަނީ

ރައްޔިތުންގެ ސުވާލުތަކަށް މަޖިލީހުގެ ރައީސް މިރޭ ޖަވާބުދެއްވަނީ

Author
މުޙައްމަދު ޖިމީ
07 ޑިސެމްބަރ 2020 02:10
0

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ އާސްކް ސްޕީކަރ ޕްރޮގްރާމް މިރޭ އޮންނާނެއެވެ.

މަޖިލިސް އިދާރާއިން ބުނެފައިވަނީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ، "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ މިރޭ  9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައިކަމަށެވެ. އަދި މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެކަމަށެވެ. މި ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވުމަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ލިބޭނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. މިއީ މިފަދަ ގޮތަކަށް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ކުރިއަށްގެންދާ މިފަދަ ދެވަނަ ޕްރޮގްރާމެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީމިދިޔަ އަހަރުގެ ޑިސެމްބަރު7 ވަނަ ދުވަހުއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުން އެދެމެވެ. "އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.