މާލެ ސިޓީ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރ އަހުމަދު ޒަމީރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއިދުކޮށް ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
ޒަމީރު ޕީޕީއެމްއާއި ގުޅުމުން ޑރ.މުއިއްޒު ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ޒަމީރަކީ މިސަރުކާރުން ކުރާ ނުރަނގަޅު ކަންކަމށް ފާޅުގައި ފާޑުކިޔާ އަދި ކައުންސިލްގައިވެސް ސަރުކާރުން ލާމަރުމަޒީ ބާރުތައް ސިޓީ ކައުންސިލަށް ދޫނުކުރާތީ ސަރުކާރަށް ވަރށް ބޮޑަށް ފާޑު ވިދާޅުވާ މެމްބަރެކެވެ.
މިސަރުކާރާއި ކުރީގެ ސަރުކާރާ އަޅުވާ ކިޔަމުން ޒަމީރު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ދައުރުގައި ފަސް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ދިޔަވަހި ހިއްކާ ފްލެޓުތައް އެޅުއްވުމަށްފަހު މާލެއާއި ހުޅުމާލެ ގުޅާލުމަށް ބްރިޖެއް އަޅުއްވާދެއްވާފައި ވާއިރު، އެ ޚިދުމަތްތައް މިހާރުވެސް ރައްޔިތުން ހޯދަމުންދާކަމަށެވެ. އަދި ރައީސް ޔާމިން ކޮށްދެއްވި އެ ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ޒަމީރު ވިދާޅުވީ ރައްޔިތުންނަށް އެފަދަ އަގުރުހި ޚިދުމަތްތަކެއް ކޮށްދެއްވި ލީޑަރަކަށް މިސަރުކާރުން ކަންތައްކުރައްވަމުން ދަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށެވެ. މިސަރުކާރުން ކަންތައް ކުރަމުންދާ ގޮތާއިމެދު ހިތްހަމަނުޖެހި އެމްޑީޕީގެ ގިނަ މެންބަރުން ދަނީ އިދިކޮޅު ކޯލިޝަނާއި ގުޅި މުއިއްޒުގެ ފަހަތަށް އަރަމުންނެވެ. މިސަރުކާރުން ވަޒީފާގެ ބިރު ދައްކައި ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.