ހާސްކަމެއްނެތް ދިރިއުޅުމެއް ގާއިމްކޮށްދެއްވާނީ ގައުމީކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ކުރީގެ ހެލްތު މިނިސްޓަރ އަދި ޤާސިމްގެ ތަރުޖަމާން އަމީން ވިދާޅު ވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ގާސިމް އިބްރާހިމް ތިނަދޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ބައްދަލު ވުމުގައެވެ. ކުރީގެ ހެލްތު މިނިސްޓަރ އަދި ޤާސިމްގެ ތަރުޖަމާން އަމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި ބޮޑު ޕާޓީ ކުޑަޕާޓީގެ ފިކުރުދޫކޮށް ތަރައްޤީއާ ތަހުޒީބު ހޯދާދެވޭ ވަރުގެ ގާބިލް ރައީސަކު ގެންނަންޖެހޭ ކަމަށެވެ. އެފަދަ ރައީސަކަށް ވާނީ ގާސިމް އިބްރާހިމް ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޒުވާނުންނަށް ހިލޭ 18،000 ފްލެޓް، އުފަންވާ ދަރިންނަށް 5،000، ފެންވަރު ރަގަޅު ތައުލީމު، ވަޒީފާގެ ފުރުޞަތު، ވިޔަފާރިއަށް އިންވެސްޓްކުރެވޭނެ މަގު، ހިލޭ ލޯން، ލުއި ލޯން ލިބި ވިޔަފާރީގައި ކުރިއަށްދެވޭނެ ފަސޭހަ މަގުކޮށާދޭނީ ގާސިމް އިބްރާހިމް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ހާސްކަމެއްނެތް ދިރުއުޅުމެއް ގާއިމުކޮށްދެއްވާނީ ގާސިމް އިބްރާހިމް ކަމަށާއި އުމުރުންދުވަސްވީ މީހުންގެ އެލަވަންސް 5،000 ން 7000 އަށް ބޮޑުކޮށްދެއްވާނީ ގާސިމް އިބްރާހިމް ކަމަށެވެ.
އަމީން ވިދާޅުވީ ދެކުނުގެ މިޝަރަހައްދުގެ ފަތުރުވެރިކަން ތަރައްގީކޮށްދެއްވާ ދެމިލިއަން ފަތުރުވެރިން މިސަރަހައްދަށް ޒިޔާރަތްކުރާ މިންވަރަށް ވަސީލަތްތައް ތަރައްޤީކޮށްދެއްވާ، މިސަރަހައްދުގައި 10،000 އެނދާއެކު އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށްދެއްވާއި ރަށުފަތުރުވެރިކަން ފުޅާކޮށްދެއްވާއި ބައިނަލް އަގްވާމީ ވައިގެ ބަދަރެއް މިސަރަހައްދުގައި ތަރައްޤީކޮށްދެއްވާނީ ގާސިމް އިބްރާހިމް ކަމަށެވެ.
އަމީން ވިދާޅުވީ މިއަދުގެ މުޖުތަމައުގައި ހުރި އިޖުތިމާއީ ބަލިމަޑުކަން ފިލުވާލަދޭނެ މެނިފެސްޓޯއެއް ގެނެސްދެއްވާފައިވަނީ ގާސިމް އިބްރާހިމް ކަމަށެވެ. އިސްލާމީ އަޤީދާ ހަރުދަނާ ކުރުމަށް ގާސިމްގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއްދެއްވާފައިވާ ކަމަށާއި ދެކުނުނާއި އުތުރު އަދި ހުޅުމާލޭގައި އިސްލާމިކް ސެންޓަރު ގާއިމްކޮށްދެއްވާ، ވެރިކަމުގެ ފުރަތަމަ އަހަރު 500 ހާފިޒުން އުފައްދަވާއި، ދިވެހި ބަހުން ދީނީ ފޮތްތައް އެކުލަވާލައްވާ، އިސްލާމިކް ލައިބްރަރީތައް ގާއިމްކޮށްދެއްވާނެ ގާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.
ޤާސިމްގެ ގާބިލްކަމާމެދު ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ސަރުކާރު ހިންގުމުގެ ތަޖްރިބާއާ، ވިޔަފާރީގެ ތަޖްރިބާއާ، އިޖުތިމާއީ ގުޅުންތަކުގެ ތަޖްރިބާ، އަދި އެންމެ ދީލަތި ޝަހްޝިއްޔަތެއްގެ ގޮތުގައި ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލިބޭނެ އެންމެ ފުރިހަމަ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމް ކަމަށެވެ.