މިސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވައްޓާލީ އެއްވެސް ބެލުމެއްނެތި ފައިސާ ޗާޕްކުރުން ހައްދުން ނެއްޓިގެން ދިއުމުން ކަމަށާއި، މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 8 ބިލިޔަން ރުފިޔާ ޗާޕްކޮށްފައިވާކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި އަތޮޅު ތެރޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތައް ނިންމާލެއްވުމުގެ ގޮތުން މިރޭ ކ.ތުލުސްދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަކީ ކުރިމަގަށް ބެލުމެއްނެތި ވަގުތީ ގޮތުން ކުރެވެން އޮތް ކަމެއް ކުރުމަށް ގެންގުޅުނު ދެކޮޅު ނުޖެހޭ ސިސާޔަތެއް ކަމަށެވެ. މިސަރުކާރުން ކޯވިޑާއި މަތިކޮށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އެމާއްދާ ސަސްޕެންޑް ކޮށްގެން ކުރަމުންދާ ކަމަކީ ފައިސާ ޗާޕްކޮށް އިޤްތިޞާދު އަނދަވަޅަކަށް ވައްޓާލުންކަމަށެވެ.
މީގެ ނަތީޖާއަކަށް ވެގެން ދިޔައީ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް މިއިންޒަމާނަކު ނުދާ މިންވަރަށް ބޮޑުވުން ކަމަށެވެ. ހަމަމިއާއިއެކު ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރު ލިބުން ތާށިވުމަކީވެސް އިޤްތިޞާދީ ޕްލޭނެއްނެތި ޢަމަލު ކުރިގޮތުން ދިމާވެފައިވާ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިސަރުކާރުން ފައިސާ ޗާޕްކުރަނީ ވަކި ވަރެއް ބަލާފައެއް ނޫން. މި ފަސް އަހަރުވެސް 8 ބިލިޔަން ރުފިޔާ ފައިސާ ޗާޕްކޮށްފި. މީގެ ކުރީގެ 40 އަހަރު ވެރިކަންތަކުގައި ޗާޕުކުރީ 6 ބިލިޔަން ރުފިޔާ. ނަމަވެސް މިފަސް އަހަރު އެކަނި 8 ބިލިޔަން ރުފިޔާ ޗާޕްކޮށްފި. އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓުވާނަން.
– މުއިއްޒު ވިދާޅުވިއެވެ.
2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މާލިއްޔަތު ޤާނޫނުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ މާއްދާ މިއަދާއި ހަމައަށްވެސް އޮތީ ސަސްޕެންޑް ކޮށްފައެވެ. ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިޤުތިޞާދީ މާހިރުން ވިދާޅުވެއެވެ.
ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯ ކުރުމަކީ ނުވަތަ ފައިސާ ޗާޕް ކުރުމަކީ 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު އަމަލެކެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީން ވެރިކަމަށް އައުމަށް ފަހު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ޗާޕް ކުރުން 2013 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.