ކިތަންމެ ވަރަކަށް އޮޅުވާލަން މަސައްކަތް ކުރިނަމަވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލައިފައި ނުވާކަމަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ.އަޙްމަދު މިހެން ވިދާޅުވީ، ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ރާއްޖޭގެ ބައެއް ނުގެއްލޭކަމަށް ބާކައުންސިލުން ބުނެފައިވާކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ފޮނުވިކަމަށް ބުނާ ސިޓީ ބާ ކައުންސިލަށް ދައްކާފައިވާކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ.
އެކަމަށް އިޝާރާތްކުރައްވާ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ވަނީ، ރާއްޖޭގެ ސްޓޭންޑް ބަދަލުކުރަން ޖެހުނީ ކޮން މަޖްބޫރުކަމެއް އޮވެގެންތޯ ސުވާލުކުރައްވާފައެވެ.އަދިވެސް އިތުރު ސުވާލުތަކެއް އެމަނިކުފާނު ޢަމާޒުކުރެއްވިއެވެ.
ކޮން ނުފޫޒެއްގެ ދަށުގައި ޖެހިގެންބާ؟ މޮރިޝަސް ގެ ފަރާތުން ITOLS ގައި އުފުލި ޑިސްޕިއުޓު ޤަބޫލުކޮށް އެ ޓްރައިބިއުނަލް ގައި ރާއްޖެ ތަމްޘީލުވުން ލާޒިމުކުރާނޭ އަސާސެއް ނެތީސް ، ކޮން މަޖްބޫރު ކަމެއް އޮވެގެންތޯ އެތަނަށް ދިޔައީ؟ އިންޓަރނޭ ޝަލް ޑިސްޕިއުޓުތަކަށް ޙައްލު ހޯދުމުގެ ތަފާތު ވަސީލަތްތައް ހުއްޓައި ޤާނޫނާއި ޚިލާފަށް ދައުލަތުގެ ސަރަޙައްދުން ބައެއް ގެއްލިގެންދާފަދަ ވަސީލަތެއް އިޚްތިޔާރު ކުރީ ކޮން މަޖްބޫރު ކަމެއް އޮވެގެންބާ؟! ތަޙްޤީޤު ކުރަންޖެހޭ ޙަޤީޤީ މައްސަލަޔަކީ High Treason ގެ ކުށުގެ ޢުންޞުރުތައް މިކަމުގައި ފުރިހަމަވޭތޯ ؟އަދި ދިވެި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތު ގެއްލޭ ފަދަ ގޮތަކަށް ބިދޭސީ ޤައުމަކާ އެކު ސިއްރުން ހިންގި ކޮރެސްޕޮންޑެންސްގައި Espionage ގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވޭތޯ؟!
ރާއްޖެ އާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަޙައްދުގެ ތެރެއިން އިޓްލޮސްގެ ނިންމުމާ ގުޅިގެން ރާއްޖެއަށް 47،232 އަކަކިލޯމީޓާރު ސަރަޙައްދެއް ލިބެއެވެ. މޮރީޝަސްއަށް ލިބެނީ 45،331 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ. ޓްރައިބިއުނަލުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން ހުށައެޅިގޮތަށްކަމަށް ސަރުކާރުން ބުނެއެވެ.
މި މައްސަލާގައި ސަރުކާރުން ޢަމަލުކުރައްވާފައިވާ ގޮތާއި، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީއާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، އިދިކޮޅު ފަރާތްތަކުގެ ބޮޑު ފާޑުކިއުމެއް ސަރުކަރާ ރައީސަށް އަމާޒުވިއެވެ.
ކޮމެންޓު ފޮނުވާ