މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުތަކާ އެކު އާސެނަލުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ރޭގެ ޕޮއިންޓްތަކާ އެކު، އާސެނަލާއި ލިވަޕޫލުން ވެސް ވަނީ 4 މެޗުން 10 ޕޮއިންޓް ހަަމަކޮށްފައެވެ. އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމް އާއި ތިން ވަނައިގައި އޮތް ލިވަޕޫލް، ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި ފަސް ވަނައިގައި އޮތް އާސެނަލަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ.
އާސެނަލް ދަނޑުގައި ޔުނައިޓެޑުން ރޭ 27 ވަނަ މިނިޓްގައި ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން މާކަސް ރަޝްފޯޑް ލީޑުނަގައިދިނެވެ. އެކަމަކު، އޭގެ ޖެހިގެން އައި މިނިޓްގައި އާސެނަލް އިން ވަނީ މާޓިން އޮޑެގާޑް ހަަމަޖެހިލައިފައި ޖެހި ގޯލުން އެއްވަރުކޮށްފައެވެ.
މި މެޗުގައި ވެސް އާސެނަލްގެ ފޯވާޑް، ކައި ހަވާޓްޒް އަށް ގޯލު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތަކެއް ނަގާލިއިރު، ޔުނައިޓެޑުން ވަނީ މެޗުގެ 88 ވަަނަ މިނިޓްގައި ގޯލެއް ޖަހައިފައެެވެ. އެކަމަކު، ޒުވާން ފޯވާޑް، އަލެހަންދްރޯ ގާނާޗޯ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ.
އާސެނަލް އިން މޮޅުވި ގޯލުތައް ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. އެ ގޮތުން އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ބުކާޔޯ ސަކާ ނެގި ކޯނަރަކުން ޑެކްލަން ރައިސް ވަނީ އާސެނަލަށް ލީޑުނަގައިދީފައެވެ. ރެކޯޑް އަގަކަށް އާސެނަލުން ގެނައި ރައިސް މި މެޗުގައި ކާމިޔާބުކުރީ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އިތުރު ވަގުތުގެ 11 ވަނަ މިނިޓްގައި އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ ގަބްރިއެލް ޖޭސޫސްއެވެ.
މި މެޗުން ބަލިވުމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޔުނައިޓެޑް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާ އެކު، ލީގުގެ 11 ވަނައިގައެވެ.