އެސްޓަން ވިލާއަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

އެސްޓަން ވިލާއަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

Author
މުޙައްމަދު ޝަޒައިމް
04 ސެޕްޓެމްބަރ 2023 08:11
0

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެސްޓަން ވިލާ ބަލިކޮށް ލިވަޕޫލް ތިންވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ތިން މިނެޓު ތެރޭގައި އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޑޮމިނިކް ސޮބޮސްލައިއެވެ. މިއީ މި ހޫނުމޫސުމުގައި ލިވަޕޫލަށް ބަދަލުވުމަށްފަހު އޭނާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑަކީ މެޗުގެ 22 ވަނަ މިނެޓުގައި އެސްޓަން ވިލާގެ މެޓީ ކޭޝް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޑާވިން ނޫނޭޒް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނިކުތް ނަމަވެސް، ކޭޝްގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެޔަށެވެ. އޭގެ ފަހުންވެސް ނޫނޭޒް ވަނީ ނުރައްކާ ހަމަލާއެއް އުފައްދާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ މަތީ ދަނޑިއަށެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގެ ތެރޭގައި ނޫނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހީ މުހައްމަދު ސަލާހުއެވެ. ސަލާހު ލަނޑު ޖަހާފައިވަނީ އޭނާ ލިވަޕޫލް ދޫކޮށްލާނެ ކަމުގެ އަދުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އޭނާ ވަނީ ބަދަލުނުވާން ނިންމާފައެވެ.

މި މޮޅާއެކު ލިވަޕޫލް ތިންވަނައަށް ޖެހިލާފައިވަނީ 10 ޕޮއިންޓާއެކުއެވެ. ހަ ޕޮއިންޓާއެކު އެސްޓަން ވިލާ އޮތީ 11 ވަނާގައެވެ. ލިވަޕޫލަށް ދެން އޮންނާނީ 16 ވަނަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.