ފްލެޓު ލިސްޓުގައި ނަންއޮތްނަމަ ތަޅުދަނޑި ލިބޭނެ: އާބަންކޯ

ފްލެޓު ލިސްޓުގައި ނަންއޮތްނަމަ ތަޅުދަނޑި ލިބޭނެ: އާބަންކޯ

Author
އައިޝަތު އަޙްމަދު
03 ސެޕްޓެމްބަރ 2023 02:43
0

ވިނަރެސް ފްލެޓު ލިބުނުކަމަށް ލިސްޓުގައި ނަން އޮތް ހުރިހާ ފަރާތްތަކަށްވެސް ހަމަޖެހޭ ފަސޭހަ އުސޫލެއްގެ ތެރެއިން ފްލެޓުގެ ތަޅުދަނޑި ލިބޭނެކަމުގެ ޔަޤީންކަން ދޭކަމަށް އާބަންކޯއިން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓު ލިބުނު މީހުންގެ މާލީ ޤާބިލްކަން ޔަޤީންކުރުމަށް ހުށައަޅަންޖެހޭ ލިޔުންތައް ހުށައަޅަން އިތުރު ވަގުތު އާބަންކޯއިން ވަނީ ދީފައެވެ. އެކުންފުނިން އަންނަނީ ހުރިހާ ލިޔެކިއުމެއް ހަމަވާ ފަރާތްތަކަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަމުންނެވެ.

އާބަންކޯއިން ބުނީ، ގެރެންޓާ ފޯމްއާއި ގެރެންޓާ ކުރެޑިޓް ރިޕޯޓް އަދި ޕާސަނަލް ކުރެޑިޓް ރިޕޯޓް ހުށައެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެކަމަށެވެ.

ވިނަރެސް ހައުސިންގ މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދިޔަ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި ޖުމްލަ 1344 ފްލެޓު ހިމެނެއެވެ. ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗް.ޑީ.ސީން އިޢުލާންކުރީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އަދި ވިނަރެސްއިން ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްގައި ސޮއިކުރުން ކުރިއަށްގެންދިޔައީ މިދިޔަ މަހުއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

މިމަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ ފްލެޓްތަކެކެވެ. މިތަންތަން ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 ފްލެޓެވެ. އައުޓާ ވިއުގައި 372 ފްލެޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 ފްލެޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 ފްލެޓް ހިމެނެއެވެ. ވިނަރެސްގެ ޔުނިޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.