ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމުގެ ސަބަބުން މިސަރުކާރުން ފަށާފައިވާ ތަރައްޤީގެ ބޮޑެތި ގިނަ މަޝްރޫޢުތައް ހުއްޓާލަފާނެކަމަށް އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ބޮޑުތިލަދުންމަތީގެ ހދ.ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މުޅި ރާއްޖެ ބަދަލުކޮށްލާވަރުގެ ގިނަ މަޝްރޫޢުތަކެއް މިސަރުކާރުން ހިންގަމުން އަންނަކަމަށެވެ. ޚާއްޞަކޮށް ބޮޑުތިލަދުންމައްޗަށް ބޮޑެތި މަޝްރޫއުތަކެއް އަމާޒުކުރައްވައިގެން ހިންގަވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް އަމާޒުކޮސް ހިންގޭ ބިޔަ މަޝްރޫޢުއެއްކަމަށެވެ. މިއާއެކު އެ ސަރަަހއްދުގެ ޓޫރިޒަމަށް ހީނުކުރާވަރުގެ ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ބިރުވެރިކަމަކީ މި އިންތިޚާބުގައި ނިންމާ ނިންމުމެއްގެ ސަބަބުން އަޅުގަނޑުމެން މި ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް އަތުވެދާނެ. މުޅިން އެ ހުއްޓާލުމުގެ ވާހަކަތަކެއްވެސް އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ. އެއީ ބިރުވެރިކަމެއް. އެއީ މި ބޮޑުތިލަދުންމައްޗަށް ގެންނަން އުޅޭ ބަދަލު މުޅިން ހުއްޓިދާނެކަމެއް. ތިބޭފުޅުންގެ ވޯޓު އެހެންވެ މުހިންމުވަނީ.
– ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުން ރަށްތަކުގައި ލޯކަލް ޓޫރިޒަމާ އުފެއްދުންތެރި އެހެން މަސައްކަތްތަކަށް ދޮރު ހުޅުވޭނެކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް ދައުރުގައި އެ ވިޔަފާރިތަކަށް ދިގު މުއްދަތުން ދައްކާ ލޯން ފޯރުކޮށްދިނުންކަމަށެވެ.
ނޮޅިވަރަމުގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ނުދިއުމުގެ ޝަކުވާ އެބަހުރިކަމަށެވެ. ކުރިއަށް އޮތްތަނުގައި އެންމެ އިސްކަމެއް ދޭނެ އެއްރަށަށް ނޮޅިވަރަމް ހަދާނެކަމަށެވެ.
ޚާއްޞަކޮށް އަންނަ ދައުރުގައި ކުރަންހުރި ކަންކަމަށް އިސްކަންދީ ބޮޑު ބަދަލެއް އެރަށަށް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނޮޅިވަރަމަށް ކުރިއަށް އޮތް ދައުރުގައި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ސްކޫލަށް ބޭނުންވާ ކްލަސްރޫޟާ މަލްޓިޕާޕަސް ހޯލް ޤާއިމްކޮށް އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޒުވާނުންނަށް ސްޕޯޓްސް ކޮމްޕްލެކްސްްއެއް އަޅައި، ސިއްޙީ މަރުކަޒަކީ ހޮސްޕިޓަލް ފެންވަރަށް ޚިދުމަތްދެވޭ ފެންވަރަށް ބަދަލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ