ރޭ ކުޅުވެނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ޒުވާން ޓީމަކާއެކު ނުކުމެ ސްޕެއިނުން ޕޯޗުގަލް ހިފަހައްޓައިފައެވެ.
ޕޯޗުގަލްގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ދެޓީމު އެންމެފަހުން ބައްދަލުކުރި ތިންފަހަރުވެސް ނިމުނީ އެއްވަރުވެގެންނެވެ. އެންމެފަހުން ޕޯޗުގަލްގެ މައްޗަށް ސްޕެއިންނަށް ކުރި ހޯދިފަވަނީ 2012 ވަނައަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕެނެލްޓީޖަހައިގެން ކުރިހޯދައިގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިނުންވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅުކުޅުމެއް ދައްކާފައެވެ. މެޗުގައި ލަނޑުޖާހާނެ ރަނގަޅު ފުރުސަތެއް ދެވަނަހާފްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނުއިރު ރޭނާޓޯ ސަންޗޭޒްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ ދެވަނަ ހާފްގައި ސްޕެއިންގެ އެޑަމާ ޓޮރޭރޯ ފުރަތަމަ ފަހަރަށް ސްޕެއިންގެ ސީނިއަރ ޓީމަށް ކުޅެންއަރާ ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކޮއްފައެވެ. ހަމަ މިހާފްގައި ރޭ ސްޕެއިންގެ ގޯލް ބަލަހައްޓަމުން ދިޔަ ކެޕަ އަރިޒަބަލަގާ ވަނީ ޕޯޗުގަލްގެ ޖާއޯ ފެލިކްސް ފޮނުވާލު ނުރައްކާތެރި ހަމަލާއެއް ދިފާއުކޮއްފައެވެ.
ރޭގެ ދެވަނަ ހާފްގައި ކުޅެންއަރާ ސްޕެއިނުގެ ސާޖިއޯ ރާމޯސް ވަނީ 173 މެޗު ގައުމީޖާޒީގަ ހަމަކޮއްފައެވެ. 50،000 މީހުންޖާގައެއް އޮންނަ އަލްވަލޭޑޭ ސްޓޭޑިއަމަށް މެޗުގެ ކުޅިބަލަށް 2500 ސަޕޯޓަރުން ދަނޑަށް ވަނީ ވައްދާފައެވެ.
އެންމެފަހުން ވޯލްޑްކަޕުގައި ވާދަކުރި މި ދެޓީމުގެ ކުރިމަތިލުންވެސް ނިމުނީ 3-3 ލަނޑު އެއްވަރުވެގެންނެވެ.