ބޮލީވުޑްގައި އޭނާ މަސައްކަތް ކުރާތާ 30 އަހަރު ވެފައިވާ އިރުގައި ބޮލީވުޑްގެ އެންމެ ގަދަ 10 ބަތަލާއިންގެ ތެރޭގައި އެއްވެސް އިރެއްގައި ހިމެނިފައި ނުވާ ކަމަށް މަޝްހޫރު ބަތަލާ ޝީލްޕާ ޝެޓީ ބުނެފިއެވެ.
90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި ޝިލްޕާ ބުނީ ކެރިއަރާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެކަމާ އެެއްވެސް ޝަކުވާއެއް ވެސް ނެތް ކަމަށެވެ. އަދި ކުރެވުން މަސައްކަތް ތަކަކީ ވަރަށް ޕްރައުޑްވާ މަސައްކަތްތަކެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ބޮލީވުޑްގައި އޭނާ މަސައްކަތް ކުރާތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މިފަދައިން ވާހަކަ ދައްކައިފައިވާ އިރުގައި ޝިލްޕާ ބުނީ އޭނާއަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ލިބުނު ކަމަށާއި އެކަމާއި އުފާވާ ކަމަށާއި އެއްވެސް ޝަކުވާއެއް ޝިކާޔަތެއް ނެއްކަމަށެވެ.
މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ 48 އަހަރުގެ ބަތަލާ އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކަމަށާއި އެންމެ އުފާވާ ކަމަކީ އަބަދު ވެސް މަސައްކަތުގެ ތެރޭގައި އުޅެވޭތީ ކަމަށެވެ. އިތުރަށް އޭނާ ފަހަގަ ކުރި ގޮތުގައި ބޮލީވުޑްގައި އޭނާގެ މަސައްކަތްތަކަށް އެކަށީގެންވާ އަގު ނުލިބޭކަން ފާހަގަ ކުރަމުން ޝިލްޕާ ބުނީ ފިލްމުތައް ހޯދަން ވެސް އޭނާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ޝިލްޕާ ބުނި ގޮތުގައި އޭނަގެ އެންމެ ރަންޒަމާނުގައި ވެސް އެންމެ ގަދަ 10 ބަތަލާއިންގެ ތެރޭގައި ނުހިމެނުން ކަމުގައިވިޔަސް އެކަމާއި ހިތާމަ ނުކުރާ ކަމަށެވެ. އޭނާ ބުނީ ފާއިތުވި 30 އަހަރުގެ ތަޖުރިބާއާ ބެހޭ ގޮތުން އޭނާ ބުނީ ދިރިއުޅުމުގެ މުހިއްމު ފިލާވަޅުތަކެއް މި ދާއިރާއިން އޭނާއަށް ދީފައިވާ ކަމަށާއި އެ ކަމަށް ޝުކުރުވެރިވާ ކަމަށެވެ.
ޝިލްޕާ ބޮލީވުޑަށް ނުކުތީ ޝާހްރުކް ޚާންގެ 1993 ގެ ފިލްމު "ބާޒީގަރު" އިންނެވެ. އޭގެ ފަހުން އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2000 ވަނަ އަހަރުގެ "ދަޅުކަން" އެވެ. ޝިލްޕާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ނިކައްމާ" އެވެ.
ފިލްމީ މަސައްކަތްތަކަޑް ވުރެ ބޮޑަށް ޝިލްޕާ މި ފަހުން ފެންނަނީ އެކިއެކި ޓީވީ ޝޯތަކުގެ ޖަޖެއްގެ ގޮތުގަ އެވެ. އެގޮތުން މިހާރު ވެސް އޭނަ އަކީ ސޮނީ ޓީވީން ދައްކަމުން އަންނަ އިންޑިއާ ގޮޓް ޓެލެންޓް (އައިޖީޓީ) ސީޒަން 11 ގެ ޖަޖެކެވެ.