ރައީސް ޔާމީންގެ ވެރިމަގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޖަރީމާތައް ހިންގެވިކަމަށް ތުހުމަތު ކުރަމުންދާއިރު އޭގެއިން އެންމެ ކަމެއްވެސް މިވެރިކަމުގެ 5 އަހަރު ދުވަސް ނިމިގެންދިޔަ އިރު ނުބެލުނީ ކީއްބެވެތޯ އެމްއެންޕީގެ ޑިޕިއުޓީ ލީޑަރު ރިޔާޒު ސުވާލު ކުރައްވައިފިއެވެ.
ރޭ އެމްޑީޕީން މާލޭގައި ބޭއްވި ޖަލްގާއި ރައީސް ޞާލިހުގެ ތަރުޖަމާނު މާރިޔާ ވިދާޅުވީީ އެކި މަގާމުތަކުގައި ހުންނަވައިގެން ޑރ. މުހައްމަދު މުއިއްޒު ހިންގެވީ ހައްތަހާވެސް ޖަރީމާ ކަމަށެވެ. މާރިޔާ ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓަރު ކަމުގައި ހުންނަވައިގެން ވެސް އަދި މާލެ ސިޓީ މޭޔަރުކަމުގައި ހުންނަވައިގެން މުއިއްޒު ހިންގެވީ ޖަރީމާ ކަމަށެވެ. އެ ކަންކަމަކީ ކިޔައި ނުދިނަސް ފެންނަން އޮތް ކަންކަން ކަމަށް ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަތަކާއި ގުޅިގެން ރިޔާޒު ވިދާޅުވީ ޑރ.މުއިއްޒު ޤާނޫނާއި ޚިލާފް ކަންތައްތަކެއް ކުރައްވާފައިވާނަމަ އެކަން ބަލަން މިވެރިކަމުގެ ފަސް އަހަރު ކުރެއްވި މަސައްކަތެއް ފެންނަން ނެތީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދިވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު މިއިން ކަމެއް ބަލާ ނުލައި ފިޔަވަޅެއްވެސް ނޭޅީ ކީއްވެތޯ ޑިފެންސް މިނިސްޓަރުކަމުގައިވެސް ހުންނެވި މާރިޔާ ކައިރިން ރިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.
5 އަހަރުގެ ވެރިކަމެއް ނިމޭއިރު ތިޔަވިދާޅުވާ ޖަރީމާތަކުން އެންމެ ޖަރީމާއެއްވެސް ނުބެލި އަދި ފިޔަވަޅެއްނޭޅި އެވަނީ ކީއްވެތޯ.
– ރިޔާޒު މާރިޔާއާއި ސުވާލު ކުރެއްވިއެވެ.
ޑރ.މުއިއްޒުއާއި ގުޅޭގޮތުން އެކި ތުހުމަތުތައް މިކެމްޕޭންގައި ކުރަމުންދާއިރު މުއިއްޒުވަނީ އެވާހަތަކަށް ރޭ ރައްދު ދެއްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގައި ހޭދަކުރެއްވި ގާތްގަނޑަކަށް ހަތް އަހަރު ދުވަހު، 13 ބިލިއަން ރުފިޔާގެ މަސައްކަތް ކުރެއްވި އިރު، އެންމެ ރުފިޔާއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒާއި ގުޅޭގޮތުން މުޅި އެމްޑީޕީ ކޯލިޝަން ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު މުއިއްޒު މިކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެއްވެސް މީހަކާއިމެދު ތުހުމަތުތައް ކޮށް އެންޓި ކެމްޕޭން ކުރުމަށްވުރެ ބޮޑަށް މުއިއްޒުގެ އަމާޒުހުރީީ ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށް އެކަންކަމުން ނަތީޖާ ނެރުމަށެވެ.
ކޮމެންޓު ފޮނުވާ