މާލޭގެ މަގުތަކުން ވިއްކާފައިވާ ޕާކިން ސްލޮޓްތައް ނަގާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
"އުފާވެރި މާލެ" ނަމުގައި ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި މާލޭގެ ރައްޔިތުން ނިކަމެތިވިކަމަށެވެ. ބޯހިޔާވަހިކަން ދަތިވެ މަގުތައް ނާމާންވިކަމަށެވެ. އެތައް ބަޔަކު މާލޭގެ މަގުމަތީ މަރާ ހެދިއިރު، ގޭގޭގައި ތިބި މީހުން ނެރެވެސް މަގުތަކުގައި މަރަމުން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އޭރު މާލޭގޭގައި ބާރު އޮތީ ގޭންގުތަކުގައިކަމަށާއި، 2018 ވަނަ އަހަރު އެމަނިކުފާނު ވަޑައިގަތީ އެކަންކަން ބަދަލުކުރެއްވުމަށްކަމަށެވެ.
ރައީސް ވިދާލުވީ މާލެއަކީ ފަސޭހައިން ހިނގާލެވޭ ތަނަކަށް ހަދަންޖެހޭކަމަށެވެ. ކާނިވާ ސަރަހއްދުންވެސް ޕާކިންއަށް ސްލޮޓް ވިއްކާފައިވާ ސްލޮޓްތައް ދައްކަމުން ރައީސް ވިދާޅުވީ، އެކަން ކުރެއްވީ އެޑްވާންސްކޮށް ފައިސާ ނަގައިގެންކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެއްޖެނަމަ އެ ޕާކިން ސްލޮޓްތައް ނަގާނެކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތަކީ މަގުތައް ހުސްކޮށް ޕާކިންއަށް ވަކިން ތަންތަން ހެދުންކަމަށެވެ.
"މިހެން ލާރި ނަގައިގެން މާލޭ މަގެއްގައި ކެމްޕެއިންކުރަން ފުރުޞަތެއް ނޯންނާނެ."
– ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ގަރާޖެއް ނެތް ފަރާތްތަކަށް ޚާއްޞަކޮށްގެން ސިޓީ ކައުންސިލުން މާލޭގެ މަގުތަކުން ޕާކިންއަށް ޕާކިން ސްލޮޓް ވިއްކާފައިވާތީއެވެ. މާލޭގެ ބައެއް މަގުތަކުގައި ހަތަރުފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ޖަހައި ޕާކިންގެ ގިނަ ސްލޮޓްތަކެއް ވަނީ ސިޓީ ކައުންސިލުން ވިއްކާފައެވެ.
ކޮމެންޓު ފޮނުވާ