ސިޔާސަތުތައް ތަންފީޒްކޮށް ނިމޭއިރު ރާއްޖޭޣެ ކޮންމެ ރަށަކީވެސް އުފާވެރި ރަށަކަށް ވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަމިއްލަފުޅު ރަށް ހިންނަވަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަށުގައި އުޅުއްވިއިރުގެ ހަނދާންތަކާއި ދަތިތަކުގެ ވާހަކަތައް އައުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާދިއްޕޮޅަކީ ޑޮކްޓަރުން ހިމެނޭހެން ޢިލްމީ އަދި ހުނަރުވެރި ބައެއް އުޅުނު ތަނެއްކަަމށާއި، ނަމަވެސް ވަކި ހިސާބަކުން ގިނަ ބަޔަކު މާލެއަށް ބަދަލުވީކަމަށެވެ. ރައީސް ވަނީ ރަށުގައި އުޅުއވިއިރު ސާފު ބޯފެނާ ނަރުދަމާގެ ރައްކާތެރިކަންވެސް ނެތްކަން ފާހަގަކުރައްވާ ރަށުގެ އާބާދީއަކީ ފަސް ހާސް މީހުންނަމަވެސް މިހާރު ރަށުގައި އުޅެނީ ދެހާހެއްހާ މީހުންކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ ރަށްފުށުގެ ގިނަކަންކަން އަމިއްލަފުލަށް ތަޖުރިބާކުރެއްވުމަކީ އެކަންކަން ޙައްލުކުރަން ކަންކަން އެނގިވަޑައިގެންނެވި ސަބަބެއްކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒްކޮށް ނިމޭއިރު މުޅި ރާއްޖޭގައި އޮތް ތަފާތުތައް ނައްތާލެވޭނެކަމަށެވެ. އަދި ކޮންމެ ރަށަކީވެސް ދިރިއުޅުން ރަނަގޅު އުފާވެރި ރަށަކަށް އަދި އާއިލާއާއެކު އުޅެވޭ ރަށަކަށް ވެގެންދާނެކަމަށެވެ.
އެއް ބަހަން ވިޔަސް މީހަކަށް ނުލިބޭ 100 އަކަފޫޓު ވެސް. ކިހިނެއްތޯ މި ތަންތަން ހަދާނީ. އަޅުގަނޑުމެންގެ ގެ ބެހިޔަސް ކުއްޖަކަށް ލިބެނީ 200 އަކަފޫޓު..
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެއަށް ލުޔެއް ލިބޭނީ ރަސްތައް ތަރައްޤީކޮށްގެންކަމަށެވެ.
ރައީސް ވަނީ ހިންނަވަރަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީއ ެރަށުގެ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ބިން ހިއްކައި 200 ހައުސިން ޔުނިޓް އަޅުއްވާނެކަމަށެވެ. އަދި އެރަށު ބަނދަރަކީ ވިޔަފާރި ބަނދަރަކަށް ހައްދަވާނެކަަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެރަށު ހޮސްޕިޓަލުގެ މަސައްކަތް ލަސްނުވެ ފަށްޓަވާނެކަމަށާއި، ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ސްކޫލްއަށް ކްލާސްރޫމްތައް އިތުރުކޮށް ބޮޑު ބަދަލެއް އެ ސްކޫލްއަށް ގެންނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޓްސްލް ދަނޑެއް ތަރައްޤީކުރައްވާނެކަމަށާއި ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަޅު އެރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނުއްވުމަށްވެސް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ