އެމްޑީޕީގެ މެނިފެސްޓޯއަށްވުރެ ތަފްސީލީ އަދި ފައިދާވާ މެނިފެސްޓޯއެއް އޮތް ކެންޑިޑޭޓަކު ނެތް: ރައީސް

އެމްޑީޕީގެ މެނިފެސްޓޯއަށްވުރެ ތަފްސީލީ އަދި ފައިދާވާ މެނިފެސްޓޯއެއް އޮތް ކެންޑިޑޭޓަކު ނެތް: ރައީސް

Author
އައިޝަތު އަޙްމަދު
31 އޮގަސްޓް 2023 02:07
0

އެމަނިކުފާނުގެ މެނިފެސްޓޯއަށްވުރެ ތަފްސީލީ އަދި ރައްޔިތުންނަށް ފައިދާކުރަނިވި މެނިފެސްޓޯއެއް އެހެން ކެންޑިޑޭޓެއްގެ ނޯންނާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވާދަވެރި ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިހާރު ފެނިވަޑައިގަންނަވަނީ އެމަނިކުފާނުގެ ސިޔާސަތުތައް އެހެން ކެންޑިޑޭޓުން ކޮޕީކުރައްވާތަންކަމަށެވެ.

ރައީސް ސިފަކުރެއްވީ އައި ފޯނާއި އެންރޮއިޑުގެ ވާދަވެރިކަމުގެ ގޮތުގައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ސިޔާސަތެއް އިއުލާންކުރައްވާއިރަށް އެހެން ކެނޑިޑޭޓަކު ހަމަ އެވަޢުދު އެހެން ގޮތަކަށް އިއުލާންކުރައްވާކަމަށެވެ.

"އަޅުގަނޑު އަހާލިން އަޅުގަނޑުމެންނާ އެކީ ދަތުރުކުރާ ބައެއް ޔޫތު ވިންގުގެ ކުދިންނާ ކިހިނެއްހޭ އިލެކްޗަން ފެންނަނީ. ކެމްޕެއިން ދާގޮތް. އެކުދިން ބުނި ވަރަށް ރަނގަޅޭ. އެކަމު ވަރަށް މަޖާކަމެއް އެބަވޭ. އަޅުގަނޑު ބުނިން ކޮންކަމެއްހޭ މިވަނީ. އެތަނުން އެއްކުއްޖަކު ބުނީ އެޕަލް ފޯނާ އެންރޮއިޑުގެ ވާދަވެރިކަމުގައި އުޅޭހެނޭ މި ހީވަނީ. އެޕަލުން ބުނާނޭ މިފަހަރު ނެރޭ ފޯނުގައި 3 ކެމެރާ އިންނާނޭ. ހަމަ ބުނާއިރަށް އެއް ހަފްތާފަހުން އެންރޮއިޑުން ބުނާނޭ އަހަރެމެން ނެރޭ ފޫނުގަ 4 ކެމެރާ ބައިންދާނަމޭ. ހަމަ އެހެން މިވަނީ. އަޅުގަނޑުމެން ހައުސިންގ ލޯން 6 ޕަސެންޓަށް ކުޑަކުރާނަމޭ ބުނީމަ އިހަށްދުވަހު ބުނީ 5 ޕަސެންޓަށް ތިމަންނަމެންދޭނަމޭ. އަޅުގަނޑުމެން އިހަށް ދުވަހު އިއުލާންކުރީ ރޯދަމަހު ފަހު 10 ދުވަސް ގޭގަ ތިބެހެން މަސައްކަތްކުރެވޭނެ ގޮތް ހަދާނަމޭ. އިއްޔެ އިއުލާންކުރީ 10 ދުވަސް ބަންދުކުރާނަމޭ. އެކުންދިން ބުނާހެން ފަހަތުން ދާހެން މިވަނީ. އެކުދިން ތަސައްވުރު ކުރާ ގޮތް މިއީ.

ރައީސް ވަނީ ވާދަވެރި ކެންޑިޑޭޓުން ވެވަޑައިގަންނަވާ ވަޢުދާމެދު ވިސްނުމަށް އެދިވަޑައިގެންފައެވެ. ވާދަވެރިން ދައްކާ ވާހަކަތަކާމެދު ވިސްނުމަށާއި، އެމަނިކުފާނަށް ވުރެ ރައްޔިތުންނަށް ފައިދާވާ ސިޔާސަތުތަކެއް ގެންގުޅުއްވާ އެހެން ކެންޑިޑޭޓަކު ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.