އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތަކާއި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް އިއްޔެ މިތަކެތި ފޮނުވަން އުޅުނު ނަމަވެސް ފޮނުވޭ ގޮތެއް ނުވިއެވެ. ނަމަވެސް މިއަދު ހެނދުނު އިލެކްޝަނުން ވަނީ މިތަކެތި އަތޮޅުތަކަށް ފޮނުވަން ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ސެކިޔުރިޓީ ސާމާނު ހިފައިގެން އެ ކޮމިޝަންގެ އޮފިޝަލުން، ފުލުހުންގެ އެހީތެރިކަމާއެކު އަތޮޅުތަކަށް ފުރާފައިވާ ކަމަށެވެ.
އެގޮތުން އުތުރުގެ ހުރިހާ އަތޮޅަކާއި ދެކުނުން އއ. އދ. ފ. ދ. އަތޮޅަށް ފުރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ރިޔާސީ އިންތިހާބުގައި އުތުރުގެ ހުރިހާ އަތޮޅެއްގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެއްޗާއެކު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ފުލުހުންގެ އެހިތެރިކަމާއެކު ފުރާފައިވާއިރު އުތުރުގެ އަތޮޅުތަކަށް ތަކެތި ފޮނުވުމަށް އަންގާރަ ދުވަހުގެ ފަތިހު މަސައްކަތް ކުރި ނަމަވެސް މޫސުން ގޯސްވުމުން އޭރު އެކަން ނުކުރެވުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަށައިފި #visnun23 pic.twitter.com/YrliFKCesY
— Elections Commission (@ElectionsMv) August 30, 2023
އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތަކަށްފަހު ފައިނަލް ލިސްޓް ޢާންމު ކުރެއްވިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުންގެ ފޯމު ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.