މާތް ވެގެންވާ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅާނެ ކަމަށް ޕީއެންސީގެ ރިޔަސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހަކީ ދިވެހިން ދީނީ ކަންކަމަށް ވަރަށް ޚާއްސަ އިސްކަމެއްދޭ މާތް މައްސަރެއް ކަމަށެވެ. ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަސްއޫލުވެގެންއުޅޭ ދުވަސްވަރުކަމަށްވާތީއާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދު ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ފަހު ދިހައިގެ ދުވަސްތަކުގައި ދުވާލުގެ އަޅުކަންތަކާއި، ޚާއްސަކޮށް ރޭއަޅުކަންތަކުގެ މާތްކަމާއި ދަރުމަ ހޯދުމަށް ދިވެހި އެއްވެސް ރައްޔިތަކަށް ފުރުސަތު ހަނިވާނެކަން ކަންކަން ނުކުރައްވާނެކަމަށެވެ. ސަރުކާރުގެ މުވައްޒިފުންނަށް ރޭ އަޅުކަން އަދާކުރުމާއި، އުމުރާގެ އަޅުކަން އަދާކުރުމަށް ފަހު ދިހައިގައި ބޭނުންނަމަ އެކަން ކުރެވޭނެ ގޮތަށް ސަރުކާރު ބަންދު ކުރުމަކީ ކުރައްވާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދީނާއި ދުރުބަޔަކު ސަރުކާރުގައި ތިބޭނަމަ އެބޭފުޅުންނަށް ދީނީ ކަންކަމަށް އިސްކަން ދެވޭލެއް ކުޑަވާނެ. އަޅުގަނޑުމެން މި ރޯދަމަހު މާލޭގައި ތަކުބީރު ޖެހުމުން އެތައްބައެއްގެ ތާއީދާއި ލޯބި ލިބުނު. މިކަންކަން އަޅުގަނޑުމެން ކުރާނަން. އިރާދަ ކުރެއްވިއްޔާ ދީނީ ކަންކަމަށް ދޭ އިސްކަން ކުޑަކޮށްވެސް ފަނޑު ނުކުރެވޭނެ.
– މުއިއްޒު ވިދާޅުވިއެވެ.
ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައެޅުމަށް ޑރ.މުއިއްޒު ނިންމެވިއިރު ރައީސް ޞާލިހު ވަނީ ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަސްއޫލުވެގެންއުޅޭ ދުވަސްވަރުކަމަށްވާތީއާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، މި ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' ހެދޭނެ ގޮތް ހަމަޖައްސާނެކަމަށް ވިދާޅުވެފައެވެ.
މުއިއްޒު ވަނީ މިރޭގެ ޖަލްސާގައި ރާއްޖޭގެ އިސްލާމީ ވަހުދަތާއި އިސްލާމީ ނޫރު ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އަރަބި އިސްލާމީ ޤައުމުތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އިސްލާމީ ޤާއުމުތަކުގެ މަދަދާއި އެހީގައި ރާއްޖޭގެ ކުރިއެރުމަށް ގިނަ މަސައްކަތް ތަކެއްކޮށް ދެއްވާނެކަމަށެވެ.
One Response
އަލްހަމްދު ﷲ މުއިއްޒު ވަރުގެ ދެވަނަ ބޭފުޅަކުނެތް ބޮޑުތަނުން އިންތިޚާބު ކާމިޔާބުވުން އެދި ﷲ ގެ ހަޟަރަތުގައި ދުޢާދަންނަވަން އާމީން ޔާރައްބުލް ޢާލަމީން. ވޯޓް 4 އަށް ދެއްވާ ދިވެހިރާއްޖެ ދިވެހިންނަށް ހޯދުމަށް