ހުއްޓިފަ އޮންނަ ސްލޯ ސަރުކާރެއް ގެންނަން ރައްޔިތުން ބޭނުން ނުވާނެ: ޝިޔާމް

ހުއްޓިފަ އޮންނަ ސްލޯ ސަރުކާރެއް ގެންނަން ރައްޔިތުން ބޭނުން ނުވާނެ: ޝިޔާމް

ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުގޮސް ހުއްޓިފަ އޮންނަ ސަރުކާރެއް ގެންނަން ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ރ.އަލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިޚާބަކީ ރައްޔިިތުންގެ މުސްތަގުބަލާއިމެދު ފަސް އަހަރަށް ގޮތެއް ނިންމަން ލިބޭ ފުރުސަތު ކަމަށެވެ. ނިމިގެން މިދާ ފަސް އަހަރަކީ ދިވެހި ރައްޔިތުންނަށް ހަޔާތުން ގެއްލިގެންދިޔަ ބޭކާރު ފަސް އަހަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންނަކީ ތަރައްޤީއަށް ބޭނުންވެފައިވާ ތަރައްޤީގެ އުންމީދުތައް ހާސިލްކުރަން ބޭނުންވާ ބަޔަކަށްވާއިރު ދުވާލު 11 ޖަހާއިރު މަސައްކަތް ފަށާ ސަރުކާރެއް ގެންނަން ދިވެހި ރައްޔިތުން ބޭނުން ނުވާނެކަމަށެވެ. މިހާރު ރައީސް ޞާލިހުގެ ނައިބް ރައީސަކަށް ނަންގަވާފައިވާ ބޭފުޅަކީ 11 ޖަހާއިރު ހޭލެވިގެން މަސައްކަތް ކުރައްވާ ބޭފުޅަކަށްވާއިރު މިފަދަ ޓީމެއް ގޮވައިގެން މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކުރެވޭނެ ކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަޅުގަނޑުމެން ކުރާ މަސައްކަތް ކުރާނީ ބާރަށް. އުމާރާނީ ތަރައްޤީގެ މަސައްކަތް ކުރަނީ ބާރަށް. ބޯހިޔާ ވަހިކަމުގެ މަސައްކަތް ކުރައްވަނީ ބާރަށް. އެއާޕޯޓްތައް ތަރައްޤީ ކުރަނީ ބާރަށް. މަގުތައް ތަރައްޤީ ކުރަނީ ބާރަށް. ކުރާ ކޮންމެ ކުރަނީ ބާރަށް. ސްލޯކޮށެއްނޫން. ތިޔަބޭފުޅުން ބޭނުން ނުވާނެ 11 ޖަހާއިރު ފަށާ ސަރުކާރެއް ގެންނަން.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި މިފަސް އަހަރު ރަށްރަށުގައި މަގު ބުރިތައް ހަދާ، ބަނދަރުތައް ނުނިމި ތަރައްގީގެ އެއްވެސް މަސައްކަތެއް ނުނިމި އޮތުމަކީ ރައްޔިތުން މިއަދު މިސަރުކާރު ބަދަލު ކުރުމަށް ބޭނުންވާ އެންމެ ބޮޑު ސަބަބު ކަމަށެވެ. މުއިއްޒުއާއި މުއިއްޒުގެ ޢާއިލާއަށް ނިސްބަތްކޮށް މާރިޔާވެސް ވާހަކަ ދައްކަވަނީ ގޮތްހުސްވެ ބަލިވުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މާރިޔާ އުކާ ކޮންމެ ގަލަކުން މުއިއްޒު ތަރައްޤީ ކުރާނީ ބްރިޖުތަކާއި، އެއާޕޯޓްތަކާއި ބަނދަރުތައް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *