ވެރިކަން ލިބިއްޖެނަމަ އެސްއެމްއީ ލޯނުތައް މަޢާފުކޮށްދޭނަން: ގާސިމް

ވެރިކަން ލިބިއްޖެނަމަ އެސްއެމްއީ ލޯނުތައް މަޢާފުކޮށްދޭނަން: ގާސިމް

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2023 11:09
0

ވެރިކަން ލިބިއްޖެނަމަ އެކި ނަންނަމުގައި ސަރުކާރުން ބަޖެޓުގައި ޖަހައިގެން ދީފައިވާ ލޯނުތައް މަޢާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގަ މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ސަރުކާރުން ރައްޔިތުން ދަރަނިވެރިކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ދުރާލާ ރައްޔިތުން ދަރަނިވެރިކުރުމުގެ ނިޔަތުގަ ތަފާތު އެކިއެކި ނަންނަމުގަ ލޯނުތައް ދެމުން އަންނަ ކަމަށާއި އެގޮތުން އެސްއެމްއީ ލޯނުފަދަ ލޯނުތައް ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ރައްޔިތުންނަށް ފައިސާ ބަހަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގަ މިއަދު ނެތް. މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން. އަޅުގަނޑުގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މާޢާފުކޮށްދޭނަން. ހެޔޮ ދެ ބިލިއަން ނުވަތަ ތިން ބިލިއަންގެ ލޯނެއް ނަގާފަ ހުއްޓަސް. ހަމަ އެދުވަހުން ފެށިގެން މަޢާފުކޮށްދޭނަން. ހުރިހާ ބޭފުޅުންގެ ލޯނެއް ޒީރޯ. އެއްވެސް ހަމައެއް ލަމައެއް ނެތި މިކަން ކުރަމުން ގެންދަނީ. ސަރުކާރުން ބޭނުންވާ ޕޮލިޓިކަލް އެޖެންޑާއެއް ހާސިލްކުރުމަށްޓަކައި ވަރަށް އިންސާފެއްނެތި އެކަން ކުރާތީ.

– ގާސިމް އިބްރާހީމް

ގާސިމް ވަނީ ލޯނުތައް މަޢާފުކޮށްދެއްވާނީ އިންސާފުގެ މަގަށް ގެނައުމަށްޓަކައި ކަމަށާއި ލޯނުތައް މަޢާފުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނެގެހެއްޓުން ގުޅިފައި ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ މައްޗަށް ކަން ފާހަގަކުރައްވާ ގާސިމް ވަނީ ވޯޓު ދެއްވާއިރު ރިޔާސީ އިންތިޚާބުގެ ރޭހުގައި ތިއްބެވި ބޭފުޅުންނާމެދު ވިސްނައިވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

މާޒީއަކީ މުސްތަގުބަލަށްޓަކައި ބަލާ ލޯގަނޑު ކަމަށާއި އެހަމައިން ވިސްނާ ކަމަށްވާނަމަ އެމަނިކުފާނާ ގާތަށް އާދެވޭނެ ވަރުގެ ސިޔާސީ ބޭފުޅަކު ނެތް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.