ރާއްޖޭގެ ވެރިކަމުގައި އޭނާ ބަހައްޓަން މަސައްކަތްކޮށް ވެރިކަމުގެ ފުރުސަތު ދެއްވި ނަމަވެސް އިންޑިއާއި އޮތް ގާތް ގުޅުން ބާއްވާނެ ކަމަށާއި އެކަމަކު ވަކި މީހަކު ބަހައްޓަން އުޅެނީ ކޮން ސަބަބާއި ހެދިތީ ދިވެހި ރައްޔިތުން ވިސްނަން ޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭގައި މިހާތަނަށް ޤާސިމް ދެއްކެވި ވާހަކަތަކުގެ ތެރެއިން އެންމެ ގިނައިން ކަންބޮޑުވުމާއިއެކު ދައްކާފައިވާ ވާހަކައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދެއްކެވި ވާހަތަކެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވުމަށް އިންޑިއާއިން އެހާވަރަށް މަސައްކަތް ކުރަމުންދަނީ ކޮން ސަބަބަކާއި ހެދިތޯ ސުވާލު އުފެދޭ ކަމަށެވެ.
ވެރިކަމުގައި ކޮންމެ މީހަކު ބެހެއްޓި ކަމުގައި ވީނަމަވެސް އިންޑިއާއި އޮތް ގާތް ގުޅުމަކީ ކެނޑޭނެ ގުޅުމެއް ނޫންކަން ގާސިމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވަކި މީހަކު ވެރިކަމުގައި ބަހައްޓަން ކުރަމުންދާ މަސައްކަތަކީ އޭގައި ކޮންމެވެސް ނުބައި ކަންތައްތަކެއް އެކުލެވިގެންވާ ކަމެއްކަމާއިމެދު ޝައްކެއްވެސް ނެތްކަމަށް ޤާސިމް ވިދާޅުވިއެވެ.
އިންޑިއާގެ ވެރިކަމުގަ ތިބި ފަރާތުން ކޮންމެ ގޮތެއް ހަދާފަވެސް ވަކި މީހަކު ވެރިކަމުގަ ބަހައްޓަން މިއުޅެނީ ކޮންސަބަބާއި ހެދިތޯ. ދެން ކީއްތޯ ވާނީ އަޅުގަނޑު ބެހެއްޓިއްޔާ. ނޫނީ އެހެން މީހަކު ބެހެއްޓިއްޔާ. ހަމަ އިންޑިޔާއާއި އޮތް ގާތްކަން އަޅުގަނޑުމެންވެސް ބާއްވާނަމޭ. އެކަމު މައްސަލައަކީ އެއްނޫންދޯ. ޤާނޫނު އަސާސީއާއި ޚިލާފަށް މިތާގަ ސިފައިން ބޭތިއްބި ކަމަށް ވަންޏާ އެއީ ގޯހެއް ދެއްތޯ. މިވާތުގެ ކަންކަން މިހެން ހިނގާތީ އަޅުގަނޑުމެންނަށް ނުތިވިގެން މިނިކުންނަނީ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިންނަށް ތިބެވިގެން ނުވާނެކަމަށެވެ. އަދި މިނިވަންކަމާއި ގުޅުން އޮތް ކަންކަމުގައި ސިއްރު އެއްވެސް ސިޓީއެއް އޮވެގެން ނުވާނެކަމަށާއި، އެފަދަ ކަންކަން ކުރާނީ އޭގައި ނުބައި ކަންތައްތަކެއް އޮތުމުން ކަމަށް ޤާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށްޓަކައި ދިވެހި ރައްޔިތުން ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދީގެން ނުވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިފަހަރު ރާއްޖޭގެ މިނިވަން ކަން ދެމެހެއްޓުމަށް އޭނާއަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ