ރާއްޖޭގެ ތާރީހުގައި ދިވެހި ޤައުމު ދެކުނު އެންމެ ބޮޑު ތަރައްޤީ ގެނެސްދިން ރައީސް ޔާމީންގެ ބާރު ސްޕީޑުގެ ތަރައްޤީ މަޑު ޖެއްސީ މިސަރުކާރުން ކަމަށާއި، ރައީސް ޔާމީންގެ ތަރައްޤީ އަލުން އިޔާދަ ކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި މިރޭ ފުވައްމުލަކުގައި އެތައް ސަތޭކަ ބަޔަކާއިއެކު ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ އަކީ ދިވެހި ތާރީހުގައި މިހާތަނަށް އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. ރައީސް ޔާމީންގެ ތަރައްޤީގެ ސްޕީޑަކީ ދިވެހި ރައްޔިތުން އަލުން އިޔާދަ ކުރަން ބޭނުންވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
2013 އިން 2018 އަށް ފެނުނު ބާރު ސްޕީޑުގެ ތަރައްޤީގެ ދުވެލި މަޑުކޮށްލީ މިސަރުކާރުން ވެރިކަމާއި ހަވާލުވި ހިސާބުން. އެތަރައްޤީ އަލުން އިޔާދަ ކޮށްދޭނަން. ރައްޔިތުންނަށް ހުސް ވައުދެއް ނުވާނަން. ވޯޓު ހޯދުމަށް ދައްކާނެ ވާހަކައެއް ވާނެ ވައުދެއް ނޯންނާނެ. ދުލުން ބޭރު ކުރާ ކޮންމެ ބަހަކީ އަޅުގަނޑު ޖަވާބު ދާރީވާންޖެހޭ ވާހަކައެއް. ނުވާވަރުގެ ކަމެއް ނުފުއްދޭނެ ވަރުގެ ކަމެއް ރައްޔިތުންނަށް ހުށަނާޅާނަން.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ގެނެސްދެއްވި ތަރައްޤީއަކީ ޤައުމުގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިފަހައްޓައި، ދިވެހި އިޤްތިޞާދު ހަމަ މަގަށް އަޅުވައި ގައުމު ނުދަރުގައި ގެނެސްދެއްވި ތަރައްޤީ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރިިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ރައްޔިތުން ކުރާ ބުރަ މަސައްކަތާއިއެކު އިންތިޚާބު ކާމިޔާބުކޮށް ޤާނޫނީ ހަމަތަކުގެ މަތީން ކުރައްވާނެ ފުރަތަމަ ކަމަކީވެސް ރައީސް ޔާމީން މިނިވަން ކުރުންކަމެވެ. ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކުން އެމަނިކުފާނު ސަލާމަތް ކުރުމަށް އިހުނަށްވުރެ އިތުރަށް މަސައްކަތް ކުރުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ.