އެމްޑީޕީ ރުޅާލައްވާނެކަމަށް ވިދާޅުވިނަމަވެސް، އެޕާޓީއަކީ ރުޅާލެވޭނެ ޕާޓީއެއް ނޫންކަން އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެކަަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ އޮތް ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީއަކީ އެކެއްގެ ފަހަތުން ދުވާނެ ޕާޓީއެއް ނޫންކަމަށެވެ. އެޕާޓީ އުފެދިގެން އައީވެސް އެގޮތަށްކަމަށް އަސްލަމް ވިދާޅުިވިއެވެ.
އަސްލަމް މިހެން ވިދާޅުވެފައިމިވަނީ، އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރުން އިސްވެ އުފެއްދެވި ސިޔާސީ ޕާޓީކަމަށްވާ ދަ ޑިމޮކްރެޓްސްއަށް ރައީސް ނަޝީދު ސޮއިކުރެއްވުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލައްވާނެކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައި ވާތީއެވެ.
އޭގެފަހުން ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި އަދި ރައީސް ނަޝީދުގެ ވަރަށް އަރިސް މެންބަރުންގެގޮތުގައި ތިއްބެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިއާން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
އަސްލަމް ވިދާޅުވީ، އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވިނަމަވެސް، އެކަން ނުވާނެ މަންޒަރު ސާފުކޮށް ފެންނަމުންދާކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ޕާޓީ އިތުރަށް ވަރުގަދަވާ މަންޒަރުކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އެހެން ޕާޓީތަކުގެ މެންބަރުންވެސް އެމްޑީޕީއާއި ގުޅިވަޑައިގަންވަމުން ގެންދަވާކަމަށް އަސްލަމް ވިދާޅުވިއެވެ.
ބަޔަކަށް ހީވި މިޕާޓީ ހަމަ ހަގީގަތުގައި ވެސް ރޫޅާލެވިދާނޭ. ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ ފެނޭ އެމްޑީޕީއަކީ އެހާ ފަސޭހައިން ރޫޅޭނެ ޕަޓީއެއް ނޫންކަން.
– މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.
ރައީސް ނަޝިދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައެވެ.އެއީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ރަނިންމޭޓެއްގެ ގޮތުގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރެވެ. އެޕާޓިއަށް ނިސްބަތްކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙް ވަނީ އެއީ އިންތިޚާބުގެ ވޯޓު ބައިބައިކުރަން ވާދަކުރައްވާ ޕާޓީއެއްކަމަށެވެ. އެޕާޓިއަށް އިންތިޚާބުގެ ފުރަތަމަ ތިން ވަނަވެސް ނުލިބޭނެކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
One Response
ސާބަސްއަސްލަމް