އަންނަ އަހަރުގެ ތެރޭގައި ދެ ފިލްމެއް ކުޅޭނެ ކަމަށް ބޮލީވުޑްގެ ތަރި ފަރުހާން އަޚްތަރު ބުނެފި އެވެ.
އޭނާ މިހެން ބުނި އިރުގައި އަންނަނީ ދެ ފިލްމް އެއް ޑައިރެކްޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންނެވެ. އެއް ފިލްމް އަކީ އަދި ޝޫޓިން ނުފެށި ދިގު ދެމިގެން ގޮސްފައިވާ ފިލްމް " ޖީ ލޭ ޒަރާ" އެވެ. އެ ފިލްމްގެ ލީޑުން ފެނިގެން ދާނެ ކަމަށް އިއުލާން ކުރީ ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓްއެވެ. ނަމަވެސް ފިލްމް އިން ޕްރިޔަންކާ ވަކިވެފައިވާ ކަމަށް ވެއެވެ. އަދި ކެޓްރީނާ ފިލްމް އިން ވަކިވި ކަމުގެ ވާހަކަތަކެއް ވެސް ދެކެވުނެެވެ. އެހެން ކަމުން މިހާރު ރޯޑް ޓްރިޕްއެއްގެ މައްޗަށް ހަދާ މި ފިލްްމްގެ ލީޑުން ފެނިގެންދާނީ ކޮންތަރިންނެއްކަން އޮތީ ސުވާލު މާކެއްގެ ތެރޭގައިއެވެ.
އޭނާ ޑައިރެކްޓް ކުރުމަށް ނިންމައިފައިވާ އަން ފިލްމް އަކީ ކާމިޔާބު ޕްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ފިލްމްއެވެ. ފަރްހާންގެ ވަރަށް ކާމިޔާބު ފިލްމް އެއް ގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މި ފިލްމްގެ ލީޑުން ފެނިގެންދާނީ ރަންވީރު ސިންގ ކަން މިހާރު ވަނީ ކަށަވަރު ވެފައިއެވެ. ނަމަވެސް ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދި ނޭގެއެވެ. މީގެ ކުރިން ގެނެސްދިން "ޑޮން" ގެ ދެ ފިލްމް ގެ ވެސް ލީޑުން ފެނިގެން ދިއައީ ޝާހުރުކް ހާން އާއި ޕްރިޔަންކާ ޗޯޕްރާއެވެ.
ކޮންމެ އަކަސް ދެ ފިލްްމެއް ޑައިރެކްޓް ކުރުމަށް އޭނާ ނިންމައިފައި ވީ ނަމަވެސް ދެފިލްމް އަކުން އޭނާ ފެނިގެން ދާނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. ހަލީޖް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކަށަވަރުކޮށް ދެމުން މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރުގެ ދަރިފުޅު ފަރުހާން ބުނީ އޭނަ މިހާރު ތައްޔާރު ވަނީ އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމެއް ކުޅޭށެވެ. މި ފިލްމަކީ ސްޕެއިންގެ 2018 ގެ ފިލްމު "ޗެމްޕިއަންސް" ގެ ރިމޭކަށެވެ. އަދި އަންނަ އަހަރު ކުރީކޮޅުގައި ފިލްމް ގެ ޝޫޓިންގ ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
49 އަހަރުގެ އެކްޓަރު ބުނި ގޮތުގައި "ޗެމްޕިއަންސް" ގެ ރިމޭކަށް ފަހު، އަންނަ އަހަރުގެ ޖޫން/ޖުލައި ހިސާބުގައި އޭނަ ހިއްސާވާ ސްޓޫޑިއޯ އެކްސެލް އެންޓަޓައިންމަންޓްގެ ފިލްމެއް ކުޅެން ފަށާނެ އެވެ.
"ބާގް މިލްކާ ބާގް" އާއި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަދި "ދިލް ދަޅަކް ނޭ ދޯ" ފަދަ މަގުބޫލު ފިލްމް ތަކެއް ކުޅެފައިވާ ފަރުހާން އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2021 ގެ "ތޫފާން" އެވެ.