ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އެކުގައި އަލުން ފިލްމްއެއްގައި މަސައްކަތް ކުރަން ބޭނުން ވާ ކަމަށް ބަތަލާ އަމީޝާ ޕަޓޭލް ބުނެފިއެވެ.
އަމީޝާ އާއި ރިތިކް ބޮލީވުޑްއަށް ނުކުތީ 2000 ވަނަ އހަރުގެ ފިލްމް "ކަހޯނާ ޕިޔާރް ހޭ" އިންނެވެ. އެ ފިލްމް ގެ ކާމިޔާބީ އާއި އެކުގައި ދެތަރިންނަށް ވެސް ބޮލީވުޑްގެ ދޮރު ހުޅުވިގެން ދިއައެވެ. އަދި އެދުވަސް ކޮޅުގައި މި ދެތަރިންނަކީ ބެލުންތެރިންގެ ވަރަށް މަގުބޫލު ޖޯޑެކެވެ.
ނަމަވެސް އެކިއެކި ސަބަބު ތަކާއި ހެދި އަމީޝާގެ ފިލްމީ ކެރިއަރު މަޑުމަޑުން ބަނަވަމުންގޮސް އެކީ ހެން އޭނާ ބޮލީވުޑް އިން ގެއްލުނީއެވެ. ނަމަވެސް އަމީޝާ ވަނީ މިހާރު ވަރަށް ވަރުގަދައަށް އެނބުރި އައިސްފައިއެވެ.
އެއީ މިމަހުގެ 11 ވަނަ ދުވަހު ސިނަމާގައި އެޅުވި "ގަދަރް2″ އިންނެވެ. މި ފިލްމް އަށް އަންނަނީ ބޮޑު އާމްދަނީއެއް ލިބެމުންނެވެ. "ގަދަރް2″ އަކީ 2001 ވަނަ އަހަރު ގެެނެސްދިން "ގަދަރް" ގެ ދެވަނަ ބައެވެ. ފިލްމް ގެ ލީޑުން ފެނިގެން ދަނީވެސް ހަމަ އެއްބައެކެވެ. އަމީޝާ އާއި އެކުގައި ފިލްމް ގެ ލީޑުން ފެނިގެން ދަނީ ސަނީ ޑިއޯލްއެވެ. ފިލްމް އަށް ލިބެމުން އަންނަ ކާމިޔާބީ އާއި އެކުގައި "ގަދަރް 3″ ވެސް ހަދާނެ ކަމުގެ އިޝާރާތެއް މިހާރު ވަނީ ފިލްމް އުފައްދާ ޓީމުން ދީފައިއެވެ.
ފިލްމުގެ ކާމިޔާބީ ފާހަގަ ކުރަމުން އަންނަ މި ދަނޑިވަޅުގައި ބޮލީވުޑްގެ އެހެން ތަރިއަކާއެކު ފިލްމަކުން ފެނިގެން ހިނގައިދާނެތޯ އަމީޝާއާ ސުވާލު ކުރެވެމުން އޭނާ ބުނީ ރިތިކް ރޯޝަންއާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ.
އެކުގައި އެއް ފިލްމް އަކުން ބޮލީވުޑް އަށް ތައާރަފްވި ދެ ތަރިން އަލުން ފިލްމް އަކުން ބަލާލުމަށް ގިނަ އަދަދެއްގެ ބެލުންތެރިން އިންތިޒާރު ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
"ކަހޯނާ ޕްޔާރު ހޭ" އަކީ އެ ފިލްމު ނުކުތް އަހަރު ބޮލީވުޑްގައި ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. މިއަދާ ހަމަ އަށް ވެސް ފިލްމް ގެ މަގުބުލު ކަން އެގޮތުގައި އަދިވެސް ދެމަ އޮތެވެ.