ރިޔާސީ ކެމްޕޭންގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މާދަމާ ށ އަދި ނ އަތޮޅަށް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ޑރ. މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މިހާތަނަށް މުއިއްޒު ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ވަރަށް ބޮޑު ތާއީދެއް ލިބިވަޑައިގެންފައި ވާކަމަށެވެ. އެންމެ ފަހުން ވަޑައިގެންނެވި އައްޑޫ ސިޓީން ލިބިގެންދިޔަ ތާއީދާއި ސަޕޯޓަކީ މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ އައްޑޫ ސިޓީއަށް ޑރ.މުއިއްޒު ކުރެއްވި ކެމްޕޭން ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގަންނަވާނެކަމަށެވެ. އަދި މާދަމާ ހެނދުނު ށ އަދި ނ އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުގައި ފުރާ ވަޑައި ގަންނަވާނެކަމަށެވެ. އިންތިޚާބާއި ދޭތެރޭ އޮތް ކުރު މުއްދަތުގައިވެސް މުއިއްޒުގެ އަމާޒަކީ ވީހާވެސް ގިނަ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރުންކަމަށް ތޮލާލް ވިދާޅުވިއެވެ. ކެންޑިޑޭޓަށް ވަޑައި ނުގެންނެވޭ ރަށްތަކަށް ކެމްޕޭން ޓީމުތައް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާނެކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް މިރޭ ވަނީ ލ.އަތޮޅަށް ވަޑައިގެންފައެވެ. މިދަތުރުގައި ލ.އަތޮޅުގެ ރަށްރަކަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް އިތުރަށް ފުޅާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.