ޝަރުއީ ދާއިރާގެ ހިންގުން ބޮއްސުން ލަމުންދާއިރު، ސަރުކާރައި މަޖިލިސް އޮތީ ގަދަ ނިދީގަ: މުހުތާޒު

ޝަރުއީ ދާއިރާގެ ހިންގުން ބޮއްސުން ލަމުންދާއިރު، ސަރުކާރައި މަޖިލިސް އޮތީ ގަދަ ނިދީގަ: މުހުތާޒު

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2023 08:26
0

ޝަރުއީ ދާއިރާގެ ހިންގުން ބޮއްސުން ލަމުންދާއިރު، ސަރުކާރައި، ރައްޔިތުންގެ މަޖިލިސް އޮތީ ގަދަ ނިދީގައި ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓު ހިންގާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ އެ އިމާރާތުގެ އެއްބައި ވެއްޓި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ހާލަތުގައި މައްސަލަތައް އަވަސް ކުރުމަށް ޕީޖީ އޮފީހުން ބާރު އަޅާތީ އިއްޔެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ހޫނު ރައްދު ތަކެއް ދެއްވާފައެވެ.

ފަނޑިޔާރު ވިދާޅުވީ، ގާނޫނު ހަމައެކަނި ހަދާފައި އޮތީ އަވަހަށް ޝަރީއަތް ހިންގުމަށް ނޫން ކަމަށާއި ޝަރީއަތް އަވަސް ކުރުމަށް މަގުފަހިކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާނެ ކަމަށެވެ. ޝަރީއަތް އަވަސްކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވެސް ކޯޓުތަކަށް އެހީތެރިވާން ޖެހޭނެ ކަމަށެވެ.

މިމައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު ވިދާޅުވީ ޝަރުޢީ ދާއިރާގެ ހިންގުން އަވަސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ނުކޮށް ތިބޭވާހަކަ ފަނޑިޔާރުން ދައްކަންޖެހޭ ހިސާބަށް ދިއުމަކީ ވަރަށް ލަދުވެތި ކަމެއްކަމަށެވެ. މިހިސާބަށް ކަންކަން ދާއިރުވެސް ފެނިގެންދަނީ ވެރިކަން ހިންގާ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ގަދަ ނިދީގައި އޮތްތަން ކަމަށް މުހުތާޒު ވިދާޅުވިއެވެ.

ޝަރީއަތުގެ މަޖިލިސްތަކުގައި ޝަރުއީ ދާއިރާއަށް ދައުލަތުގެ މުއައްސަސާތަކުން ވަމުންދާ އިހުމާލުގެ ވާހަކަތައް ފަނޑިޔާރުން ދައްކަންޖެހޭ ހިސާބަށް ކަންކަން ދިއުމަކީ ލަދުވެތިކަމެއް. މިވަރު ވެގެންދާއިރު ވެރިކަން ހިންގާބާރާއި ގާނޫނުހަދާ ބާރު ގަދަނިދީގައި އޮތުން ބަލައިގަންނަން ދަތި.

– މުހުތާޒު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ އެ ކޯޓު ހިންގުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް-19 ފެސިލިޓީ އަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު އޮތީ ނިންމައިފައެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުން މިހާރު ބޭނުން ކުރަނީ އެއްބައި ކަމަށްވާތީ ގިނަ މީހުން ހާޒިރުކޮށްގެން ބާއްވަންޖެހޭ ޝަރީއަތްތައް ބޭއްވޭ މިންވަރު މިހާރު މަދެވެ. އަދި ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެހެންވެ، ބޮޑެތި މައްސަލަތައް ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ކްރިމިނަލް ކޯޓަށް މިހާ ބޮޑަށް ޖާގައިގެ ދަތިކަން އޮތްއިރު، މިހާތަނަށް ވެސް އެ ކޯޓު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އޮތީ ނުނިމިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.