ހުޅުމާލެ ދެވަނަ ފިޔަވީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރަސް ފްލެޓްތައް ހުންނަ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހިޔާއިން ފްލެޓް ދޫކޮށްލި މީހުންނާއި ސީލައިފްއާއި ގުޅީފަޅު މަޝްރޫޢިން ތަންތަން ލިބުނު މީހުންގެ ތެރެއިން ވިނަރެސްއިން ފްލެޓް ހަމަޖެހުނު މީހުންނަށް ރަމްޒީ ތަޅުދަނޑި ހަވާލުކޮށްފައެވެ. މި ތަޅުދަނޑިތައް ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާޠިފްއެވެ.
ވިނަރެސް ހައުސިންގ މަޝްރޫޢަކީ ސަރުކާރުން އެޗް.ޑީ.ސީއާ ގުޅިގެން ކުރިއަށްގެންދިޔަ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. 13 ބުރީގެ 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި ޖުމްލަ 1344 ފްލެޓު ހިމެނެއެވެ. ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗް.ޑީ.ސީން އިޢުލާންކުރީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އަދި ވިނަރެސްއިން ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްގައި ސޮއިކުރުން ކުރިއަށްގެންދިޔައީ މިދިޔަ މަހުއެވެ.
ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.
މީގެ ކުރިން ބޯހިޔާވަހިކަމުގެ ފުރުސަތަކަށް އެދި އެފުރުސަތު ނުލިބުނު އެތައްބަޔަކު ދެކެމުންއައި ހުވަފެން ހަގީގަތަކަށްހަދައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ތަރައްގީކޮށްފައިވާ 'ވިނަރެސް' މަޝްރޫޢުގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލު… pic.twitter.com/S3i2q3gb8N
— Urbanco (@hdcmaldives) August 21, 2023
މިމަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ ފްލެޓްތަކެކެވެ. މިތަންތަން ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 ފްލެޓެވެ. އައުޓާ ވިއުގައި 372 ފްލެޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 ފްލެޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 ފްލެޓް ހިމެނެއެވެ. ވިނަރެސްގެ ޔުނިޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ.
ވިނަރެސް ފްލެޓްތައް ލިބުނު މީހުންނަށް ތަޅު ދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރައިވެޓް ހައުސިންގ ޕްރޮޖެކްޓްތަކުގެ އަދާހަމަ މަޢުލޫމާތު ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރައިވެޓް ހައުސިންގ އިންފޮމޭޝަން ޕޯޓަލްއެއް ވަނީ އިފްތިތާޙްކޮށްފައެވެ.
ކޮމެންޓު ފޮނުވާ