ރައްޔިތުން ޕީޕީއެމް/ޕީއެންސީއާ އެކުގައި ތިބި ނަމަ، ރާއްޖެ އަށް ތަރައްގީގެ ރަން ޒަމާނެއް ގެނެވިދާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު، އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީގައި މިރޭ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރާއްޖެ އާއި އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.
"އެމަނިކުފާނުގެ ވެރިކަން ނިމުނު އިރު، ވަރަށް ގިނަ ކަންތައްތަކެއް ފެށި، ކުރިއަށް ދަމުން ދިޔައީ. ނަމަވެސް މިއަދު މި ފެންނަނީ ރާއްޖޭގެ ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެން ގޮސްފައިވާ ތަން. އަނެއްކާ މި ޖެހެނީ ނަގާ ކޮޅަށް ޖަހަން،" މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެން ދިޔަ ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށާއި އެކަމާ މާޔޫސް ނުވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"ރައްޔިތުން އަޅުގަނޑުމެންނާ އެކީގައި ތިބިއްޔާ އަނެއްކާ ވެސް ރާއްޖެ އަށް ރަން ޒަމާނެއް ގެނެވިދާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ އުންމީދުތައް ފޮނިއެވެ. އަދި އެމީހުންނަކީ ތަރައްގީއަށްޓަކައި ފެން ބޮވައިގެންފައިވާ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރާނީ އުންމީދުތަކުގައި ކުލަ ޖައްސައި ދިނުމަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ އަސާސީ ހައްގަކަށްވާ އިރު، އައްޑޫ ސިޓީގެ ރައްޔިތުން، އެ ސިޓީގައި ތިބެގެން ގެދޮރުވެރިކަން ހާސިލް ވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބިންތައް ހިއްކާ އިރު، އެންމެ މުހިންމު ކަމަކަށް އޮންނާނީ ޒުވާނުން ހިއްކި ބިމުގައި ގެދޮރުވެރި ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުގައި، ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ފޯރުކޮށް ދެއްވާނެ ކަމަށާއި ވަޒީފާ ނުހޯދޭ ނަމަ، ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ސިޓީގެ ރައްޔިތުންނަށް ދޭން ބޭނުންވަނީ ގެދޮރުވެރިކަމުގެ ޔަގީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ގެނެސްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.