ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުން ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިސް މިއަދުގެ ޖަލްސާ ފެށުމަށްފަހު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑިމޮކްރެޓްއާއި ގުޅުނު މެމްބަރުންގެ ތެރެއިން 11 މެމްބަރަކު އެޕާޓީއާއި ގުޅުނުކަން މަޖިލީހަށް އަންގާފައި ނުވާކަމަށެވެ.
މަޖިޅީހުގެ ދެވަނަ ދައުރުގެ ޗުއްޓީއަށްފަހު ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު އެޖެންޑާގައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެކަންޏެވެ.
ނަމަވެސް މިމައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހަށް ޕާޓީތަކުން ބަދަލުވި މެމްބަރުން ބަދަލުވިކަން އެންގެވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. މިއާއިއެކު އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރަން ފެށުމުން 3 މެމްބަރެއްގެ ނަން އިއްވައި މަޖިލީހުން ނެރުމަށް އެންގެވިއެވެ. އެއާއިއެކު މަޖިލިސް އިތުރަށް ހޫނުވެ މެދު ކަނޑާލިއެވެ. މަޖިލިސް މެދު ކަނޑާލުމަށްފަހު ޖަލްސާ ފަށައިގެންވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އެގޮތުން ނަން އިއްވި މެމްބަރުންވެސް ވަނީ ތަޅުމަށް ވަދެފައެވެ. އަދި ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ވަޒީރުން ތިއްބަވާ މޭޒުގައި އިށީންނަވާފައެވެ. އެއާއިއެކު ތަކުރާރުކޮށް މަޖިލިސް ރައީސް ވަނީ މަޖިލިސް ކުރިއަށް ގެންދިއުމަމށް ޖާގަ ދެއްވުމަށް އެދިފައެވެ. ނަމަވެސް މެމްބަރުން އެއްބާރުލުން ނުދިނުމުން ޖަލްސާ އެންމެ ފަހުން ނިންމާލިކަން މަޖިލިސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.