ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ގާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ހިދުމަތްލިބޭ ސަރަހައްދެއް ގޮތުގައި އަތޮޅުތަކެއް ކަނޑައަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65 ހާސް ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރައްވާނެ ކަމަށެވެ.
މުއިއްޒުގެ ބޯހިޔާ ބަހިކަމުގެ މުހިންމު ބައެއް ވަޢުދުތައް:
– މާލޭގައި ހުރި، އެދެވޭގޮތުގައި ބޭނުންނުހިފާ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ގާއިމުކޮށް، ފުލެޓަށް އެދޭ މާލެ ސިޓީގެ ރަށްވެހިންނަށް ފޯރުކޮށްދިނުން.
– ވިލިމާލޭގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުން.
– އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން.
– އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުން.
– އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ޢާންމު ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމާއި، ވިލިމާލޭގެ ފެހި، ހިތްގައިމު، އިންޖީނުލީ އުޅަނދު ނުދުއްވާ މާޙައުލު ދެމެހެއްޓުމާއެކު، ފެނާއި ނަރުދަމާއާއި ކަރަންޓް ކެރިއިންގ ކަޕޭސިޓީ ދެގުނައަށް އިތުރުކޮށް، އަދި، ސްކޫލު، މިސްކިތް ފަދަ ތަންތަން އާބާތުރަފިލުވައި، ޚިދްމަތް އިތުރަށް ފުޅާކުރައްވާނެ ކަމަށެވެ.