ވެރިރަށް މާލޭގައި ރާ ކައްކައި، އެއިން ވިޔަފާރި ކުރަމުންދިޔަ އިންޑިއާ ބަޔަކު އަތުލައިގެންފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިނެއްގެ އިތުރުން 48 އަހަރުގެ ފިރިހެނެކެވެ. ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އެ ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.
އެމީހުންނާއެކު ބަނގުރާކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެހި ހުރި 500 އެމްއެލްގެ 273 ފުޅި އާއި ފަސް ލިޓަރުގެ 4 ފުޅި އާއި ޖޭމްސަން ބްރޭންޑްގެ ތިން ފުޅި ފެނިފައިވާކަމަށް ބުނެފައިވާއިރު، އެމީހުން ބޭނުންކުރާ ދެތަނެއް ހުރީ ބަނގުރާ ކެއްކުމަށް ސެޓަޕް ހަދާފައިކަމަށް ފުލުހުންނާ ހަވާލާދީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.
އަމުރުގައިވާ ގޮތުން، ފުލުހުން އެ ތަން ފާސްކުރިއިރު ބަނގުރާ ކެއްކުމަށް އެއްޗެހި އަޅައި ތައްޔާރުކޮށްފައިވާ 36 ޓައްޕު ފެނިފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި އާންމުވެފައިވާއިރު، މިތަކެތި ބޭނުންކޮށް، ވިއްކާ، ވިޔަފާރިކުރާ މީހުން ހައްޔަރުކުރެވުނަސް އެމީހުންގެ މައްޗަށް އެންމެ އެކަށީގެންވާ ގޮތުގެ މަތިން އަދަބު ތަންފީޒު ނުކުރެވޭރީ ގިނަ ފަރާތްތަކަކުން އަންނަނީ ފާޑުކިޔަމުންނެވެ.