ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސް ނޭޅުމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އިލްތިމާސް ކުރައްވައިފިއެވެ.
އިމްރާން މިކަމަށް އިލްތިމާސް ކުރައްވާފައި މިވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރާ ދިމާކޮށް ގުރައިދޫގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ޕީޕީއެމްގެ މެންބަރުންގެ މެދުގައި ވަރުގަދަ ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށެވެ.
އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެގެން ނުވާނެ ކަމަށެވެ. އަދި ކެމްޕޭނަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ ކަންކަމުން ދުރުވެ ތިބުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިފަދަކަންކަމުން ދުރުވެތިބުމަށް ގޮވާލަން!
– އިމްރާން ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަށްރަށަށް ވަޑައިގަންނަވާއިރު "ތިޖަހާ ސަކަރާތް ޖެހުން" ހުއްޓާލުމަށް އަމުރުކޮށް އިދިކޮޅު ފަރާތްތަކަށް މިނިސްޓަރު އިމްރާން ވެސް މީގެކުރިން އިންޒާރު ދެއްވާފައިވެއެވެ. އެގޮތުން މިދިޔަ ޖުލައި 16 ވަނަ ދުވަހުގެ ރޭ މ. ދިއްގަރުގައި ބޭއްވި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ވަރުގަދައަށް އިންޒާރު ދެއްވަމުން އިމްރާން ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގުމުގެ ނަމުގައި މިރާއްޖޭގައި ސުލްހައާއި ހަމަޖެހުން ނަގާލަން އަދި އަބަދު މުޒާހަރާކޮށް ވެލިއުކަން ފުރުސަތު ދެން ނުދެއްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް ވަޑައިގަންނަވާ ކޮންމެ ރަށަކުންހެން އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސްގެ ކެމްޕޭނަށް ހުރަސް އަޅަމުންނެވެ. މިފަދަ ބައެއް ހަރަކާތްތަކާ ގުޅިގެން ބައެއް ރަށްރަށުން އިދިކޮޅު މީހުން ހައްޔަރުކޮށްފައިވެސް ވެއެވެ.