ސިޔާސީ ގޮތުން ޚިޔާލް ތަފާތުވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް ޚިދުމަތްދޭނީ ހަމަހަމަ ކަމާއިއެކުގައި ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ކ.ގުރައިދޫގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒުވަނީ ތަރައްޤީގެ މަސައްކަތުގައި އެއްވެސް ރައްޔިތަކު އެއްވެސް ރަށެއް ތަފާތު ނުކުރާނެކަމަށް ވައުދުވެފައެވެ. ވާހަކަ ފެއްޓެވުމުގެ ކުރިން މުއިއްޒުވަނީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމަ ފާޅުކޮށް ރިޒާގެ ޒިކުރާ އާކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ޚިދުމަތް ކުރައްވާނީ މުޅި ރައްޔިތުންނަށް ކަމަށެވެ. މިހާތަނަށް މާލެ ސިޓީ ކައުންސިލާއި ހަވާލުވެ ކުރެއްވި މަސައްކަތުގައި ކޮންމެ ރައްޔިތަކު ކަމަކު އެދުނަސް އެމީހަކީ ކޮން ޕާޓީއެއްގެ ކޮން ފިކުރެއްގެ މީހެއްތޯ ބަލާފައި ނުވާނެކަމަށެވެ. މާލޭގެ ކޮންމެ ރައްޔިތަކު ގުޅާލައި އަދި ހުށަހަޅާ ކަންކަން ހައްލުކޮށްދެއްވުމުގައި މިހާތަނަށްވެސް ޢަމަލު ކުރެއްވީ ހަމަހަމަ ކަމާއިއެކުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހަމަ އެފަދައިން މުޅި ގައުމަށް ޚިދުމަތް ކުރަން ލިބިއްޖެނަމަ އެކަން ކުރާނީ އެއަށްވުރެވެސް ރަނގަޅަށް ހަމަހަމަ ކަމާއިއެކުގައި ކަމަށެވެ. މުއިއްޒު ވިދާޅުވީ ރަށްރަށަށް ވަޑައިގެން ވެ ވަޑައިގަންނަވާ ވައުދުތަކާއި މެދު ބައެއް ބޭފުޅުން ސުވާލު އުފައްދަވާ ކަމަށެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ މިހާތަނަށް ވެފައިވަނީވެސް ކުޑަ މިންވަރެއް ކަމަށެވެ.
އަޅުގަނޑުމެން ވައުދު ވަނީ ވައުދު ފުއްދަން އެނގޭތީ. ވަނީ ފުއްދޭ ވައުދުތައް. އަޅުގަނޑު މިހާތަނަށް ވެފައިވާ ވައުދުތަކަކީ ކުރެވޭނެ ކަންކަން. މިސަރުކާރުން ތަރައްޤީގެ ނަމުގައި ވީ ޚިޔާނާތް. ތެދުވެރިކަމެއް ނެތް. ކޯވިޑްގައި ލިބުނުހާ ފައިސާއަށް ވީ ޚިޔާނާތް. އަޅުގަނޑުމެންނަކީ ތަރައްޤީގައި ރައްޔިތުންނަށް މަކަރު ހަދާނެ ބައެއްނޫން. ރައީސް ޔާމީންގެ ފަރާތްޕުޅުން އަޅުގަނޑަށް އެނގުނީ ވައުދެއްވެ އެކަމެއް ފުއްދުމުގެ މުހިންމުކަން. އަޅުގަނޑުމެން ވާވައުދެއް ފުއްދާނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގުރައިދޫގައިވެސް އަދި އެހެން ރަށެއްގައިވެސް ސިޔާސީ ގޮތުން ޚިޔާލް ތަފާތުވާ މީހަކު ހުރުމަކީ މައްސަލައެއް ނޫންކަމަށެވެ. ޚިޔާލް ތަފާތުވާ މީހުންނާއި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރުމަކީ ކުރައްވާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ޚިޔާލް ތަފާތުވިޔަސް މުއިއްޒު ވަނީ ރައްޔިތުންގެ ތަރައްޤީއަށް ރަށާއި، ޤައުމަށް އަންނަ ކޮންމެކަމެއްގައި ރައްޔިތުން އެއްބައި ވުމަށް ގޮވާލާފައެވެ.