އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގި ބައެއް މީހުންނާއެކު ސަރުކާރުން ޑީލް ހެދީ، ރައީސް ޔާމީނަށް އަދިވެސް އިތުރު ނުޙައްޤު އަނިޔާދިނުމަށްކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއެކު ޕްރޮސެކިއުޓަރ ޖެނެރަލް އެއްބަސްވުންތަކެއް އެކުލަވާލާ، އެމީހުންގެ ކުށުގެ އަދަދު ލުއިކޮށްދިނުމާއި ގުޅިގެންނެވެ. މި އެއްބަސްވުމުގެ ދަށުން އަޙްމަދު އަދީބު ކުށަށް އިޢުތިރާފްވެ އޭނާއަށް އިއްވާފައިވަނީ 20 އަހަރުގެ ޖަލު ޙުކުމެކެވެ. ނަމަވެސް މިހާރު އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ޕީޖީ ޝަމީމް ކުރިން ވިދާޅުވެފައިވަނީ އަޙްމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާވަރަށް ހެކި އެބަހުރިކަމަށާއި، އެކުށްތައް ސާބިތުވެއްޖެނަމަ 100 އަށްވުރެ ގިނަ އަހަރުގެ ޖަލު ޙުކުމެއް އަންނަނާނެކަމަށެވެ. ނަމަވެސް ޕީޖީ އެހެން ވިދާޅުވެ އަދީބާ އެކު އެއްބަސްވުން އެކުލަވާލާ ޖަލުހުކުމް ކުޑަކުރެއްވުމުން ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޢަބްދުﷲ ޒިޔަތުއާއެކު ޕީޖީން ވެފައިވާ އެއްބަސްވުމުގެ ސަބަބުން އޭނާ ކުށަށް އިޢުތިރާފްވުމުން އޭނާގެ މައްޗަށް މިއަދު އަންނާނީ 11 އަހަރުގެ ޖަލު ޙުކުމެކެވެ. އޭނާވެސް މިވަގުތު ހުންނެވީ ގެއަށް ބަދަލުކޮށްފައެވެ
މި އެއްބަސްވުންތަކަށް އިޝާރާތްކުރައްވާ ރައީސް ޔަމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ މަޑުއްވަރީ ދާއިރަގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގި ބައެއް މީހުންނާއެކު ސަރުކާރުން "ޑީލް" ހެދީ ރައީސް ޔާމީނަށް އަދިވެސް އިތުރު ނުހައްގު އަނިޔާ ދޭންކަމަށެވެ. އަދި ކޮރަޕްޝަންގައި ބައިވެރިވި މީހުންނާއި ގެއްލުނު ފައިސާ ހޯދަން ނޫޅޭޅޭކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
MMPRC ge khiyaanaaiy hingi baeh faraaiythakaaeku sarukaarun deal hedhee RY ah adhives ithuru nuhaqqu aniyaa dheyn. Corruption gai baiverivi meehunnaai gellunu faisaa hoadhaakah noolhey. Marhoom Ameen Didi aai Marhoom Nasir ah hedhi gotheh RY akah nuhedheyne, IA.
— Adam Shareef Umar (@Adamshareefz) December 6, 2020
މަރުޙޫމް އަމީން ދީދީއާއި މަރްހޫމް ނާޞިރަށް ހެދިގޮތެއް ރައީސް ޔާމީނަކަށް ނުހެދޭނެ، އިންޝާﷲ.
–މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު
އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުން މިއަދަށް ތަޢާވަލުކޮށްފައި ވުމުންނެވެ. މިއަދު ބޭއްވުމަށް ތަޢާވަލުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށުގެ ދަޢުވާއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާތަކަކީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރ.އަތޮޅު ފުށިގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ނުފޫޒު ބޭނުންކޮށްގެން މއ.ކުރިކީލަހިޔާ އަޙްމަދު ކުރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާކަމުގެ ކުށުގެ ދަޢުވާއެވެ. މިމައްސަލާގެ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެކަމށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ