އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ ފޮއްޓާއި ދާންޖެހޭ ތަން އަންގައިދޭ ރަޖިސްޓަރީ އާއްމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ވޯޓު ލާންޖެހޭ ފޮށީގެ މައުލޫމާތު އެ ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން އެސްއެމްއެސް އެއްގެ ޒަރިއްޔާއިން ޗެކް ކޮށްލެވޭނެ ކަމަށެވެ.
އަދި 1414 އަށް ގުޅައިގެންވެސް އެ މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން އެސްއެމްއެސްގެ ޒަރިއްޔާއިން ޗެކް ކުރަން ބޭނުންވާ ފަރާތް ތަކުން VR space ID number ޖެހުމަށް ފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެއެވެ.
ވޯޓް ފޮށީގެ ރަޖިސްޓްރީގައި އެއްވެސް މައްސަލައެއް އުޅޭނަމަ އަންނަ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލައްވާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށައަޅަން ޖެހޭނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" ކަމަށެވެ.
މާލެގައި ޝަކުވާ ފޯމުތައް ބަލައިގަންނާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން ފޯމު ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އަވަށު އޮފީސްތަކުންކަމަށްވެސް އީސީން ވިދާޅުވެއެވެ. ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް ފޯމު ބަލައިގަންނަމުން ގެންދަވާނެކަމަށްވެސް އީސީން ވިދާޅުވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އެދި ފޯމު ހުށަހަޅާ މުއްދަތު ވަނީ ހަމަވެފައެވެ. އެ މުއްދަތުގައި ޖުލްމަ އަށް މީހަކު ވަނީ އިންތިހާބަށް ކުރިމަތިލާފައެވެ.