އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ހއ. ކެލާ އަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ސަލާމް ކުރައްވައި ޑިމޮކްރަސީގެ ނަމޫނާއެއް މިއަދު ދައްކަވައިފިއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅިގެން މީގެ ދެ ދުވަހެއް ވަރު ކުރިން، މުއިއްޒު ވަނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރު ފައްޓަވައިފައެވެ. މުއިއްޒުގެ ދަތުރުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ކެލާއަށެވެ. ކެލާ އިން އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
ކެލާގައި ތިބި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށް ފަހު، މުއިއްޒު ފުރަތަމަ އަރައިވަޑައިގެންނެވީ ކާރަށެވެ. އޭރުގައި ހަމަ އެ ހިސާބުގައި މްޑީޕީގެ ސަޕޯޓަރުންތަކެއް އެ ޕާޓީގެ ދިދަ ހިފައިގެން މުއިއްޒުއާ ދެކޮޅަށް ދިޔައީ އަޑު އުފުލަމުންނެވެ.
ކާރު ގޮސް، އެމްޑީޕީގެ ސަޕޯޓަރުންނާ އަރާ ހަމަވުމާ އެކު، ކުއްލިއަކަށް ފެނުނީ ކާރު މަޑުކޮށްލި ތަނެވެ. އަދި ކާރުން މުއިއްޒު ފައިބައިވަޑައިގަތުމަށް ފަހު، އެމްޑީޕީގެ ދިހަ ވަރަކަށް ސަޕޯޓަރުންނާ ސަލާމް ކުރެއްވި ތަން ފެނިފައިވެއެވެ.
އެ ސަޕޯޓަރުން އަރިހަށް ވަޑައިގެން، މުއިއްޒު އިސްވެ، އެމީހުންނާ ސަލާމް ކުރެއްވި ތަން ފެނުނެވެ. މުއިއްޒާ އެކުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެމްޑީޕީ ސަޕޯޓަރުންނާ ސަލާމް ކުރެއްވިއެވެ.
މުއިއްޒު، އެމްޑީޕީގެ ސަޕޯޓަރުން ކައިރި އަށް ވަޑައިގެންނެވި ގަޑީގައި އޭނާގެ ސެކިއުރިޓީންނާއި ފުލުހުން ވެސް ތިބިއެވެ. އެކަމަކު، އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
މުއިއްޒު ހއ. އަތޮޅު އަދި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް އައިއިރު އެ ދެ އަތޮޅުގެ ގިނަ ރަށްތަކަކަށް ވަނީ ވަޑައިގެންފައެވެ. އެ ރަށް ރަށުން އޭނާ އަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވައިފައެވެ.