ރިޔާސީ އިންތިޚާބުގައި ނ.އަތޮޅުން އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހަށް ރެކޯޑު އަދަދަކަށް ވޯޓުލިބި އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ކޯލިޝަންގެ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު ނ.އަތޮޅުގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު އިއްޔެ ނިންމާލެއްވިއިރު، ނ.އަތޮޅުގެ ރަށްތަކުން ރައީސް ޞާލިހަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ނިސްބަތްވާ ނ.އަތޮޅަކީ ސިޔާމަށް ތާއީދު ބޮޑު އަތޮޅެއްގެ ގޮތުގައި މީގެ ކުރިންވެސް ފާހަގަވެފައިވެއެވެ.
ރައީސް ޞާލިހު އަރިހުގައި އަޅުގަނޑުމެން ނޫނު އަތޮޅަށް މިކުރާ ދަތުރު މިފެންނަނީ ވަރަށް ކާމިޔާބުކޮށް. ނޫނު އަތޮޅުގެ ދަރިންނަކީ އަބަދުވެސް ތައުލީމާ ތަރައްޤީއަށް މަސައްކަތްކުރާ ހީވާގި ބައެއް. ޢަޅުގަނޑަށް ޔަގީން ނޫނު އަތޮޅުން ރޮކޯޑް މިންވަރަށް ރައީސްއަށް ވޯޓުލިބިވަޑައިގެން އެއްބުރުން މިކަން ކާމިޔާބުވާނެކަން.
– ސިޔާމް ވިދާޅުވިއެވެ.
ރައީސް ޞާލިހު ވަނީ މިދަތުރު ނިންމަވާލެއްވުމަށްފަހު ދެއްވި އިންޓަވިއުގައި 2018 ގެ ރިޔާސީ އިންތިޚާބުގައިވެސް ސިޔާމްއާއިއެކު އެއްކޯލިޝަނެއްގައި މަސައްކަތް ކުރުމަށް އެކި މަޝްވަރާތައް ކުރެވުނު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރުގެ ވެރިކަން ކުރަމުންދިޔަ ގޮތުންނާއި ވެރިކަމުގައި ހުންނަވި ފަރާތުން ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކާއި ބިރުވެރިކަމަށްޓަކައި ސިޔާމަށް އެދުވަހު އެކީގައި މަސައްކަތް ނުކުރެވުނީކަމަށެވެ.
ނަމަވެސް އޭރުވެސް ބައިއަތު ހިފި އެއްކަމަކީ މިފަހަރުގެ އިންތިޚާބުގައި އެކީގައި މަސައްކަތް ކުރުންކަމަށެވެ. ސިޔާމް އެމްޑީޕީ ކޯލިޝަންގައި މަސައްކަތް ކުރަން ފެށުމާއިއެކު ލިބިގެންދިޔައީ ބޮޑު ހިތްވަރެއް ކަމަށާއި، އެތަފާތު ނ.އަތޮޅުން ފެންނަ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ނ.އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްޤީ ގެނެސްދޭނީ އުފަލާއިއެކުގައި ކަމަށެވެ. ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރުގައި މާފަރު އެއާޕޯޓް އިތުރަށް ތަރައްޤީކޮށް ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ