ޢާއްމުގޮތެއްގައި ދިވެހިންގެ ތެރޭގައި މަޖާޒީގޮތަކަށް ތެޔޮވަޅު ކިޔަނީ ބުރަމަސައްކަތަކާ ނުލައި ބޮޑު މުއްސަދިކަމެއް ލިބޭގޮތަށް އޮންނަ ކަންކަމަށް މަލާމާތެއްގެ ގޮތުގައެވެ. ޙަޤީޤަތުގައި ތެޔޮވަޅަކީ މާބޮޑު މަސައްކަތަކާއި އުދަގުލެއްނެތި އެތަނުން ތެޔޮނަގައި އެތެޔޮ ވިއްކައިގެން ބޮޑު އާމްދަނީއެއް ލިބޭނެ ތަނަކަށް ވުމާއެކު ތެޔޮވަޅެއް ލިބުމަކީ އެފަރާތަކަށް ނުހަނު މުއްސަދިކަމާއި އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. އެމީހަކު ބުރަމަސައްކަތެއް މާބޮޑުހޭދައެއް ކުރުމެއްނެތި ބޮޑު އާމްދަނީއެއްލިބި ބޮޑުމުއްސަދި ކަމެއް ލިބެމުންދާ ކަމަކަށްވާތީއެވެ.
އެގޮތުން ކައިރި މާޒީގައި ދައުލަތުގެ ކުންފުންޏެއްގެ އިސްމަޤާމެއް ޚާއްޞަކޮށް މެނޭޖިންގ ޑިރެކްޓަރގެ މަޤާމް ލިބުމަކީ ބައެއް ފަރާތްތަކަށް ތެޔޮވަޅެއް ލިބުންފަދަ ކަމަކަށް ވެފައިވެއެވެ. މަޤާމުގެ މުސާރައާއި ނުބައްދަލު މުއްސަދިކަމެއް އެކިއެކި ސިފައިގާ ލިބޭކަމަކަށް އެމަޤާމް ވެފައިވާކަމީ ފެންނަންއޮތް ޙަޤީޤަތެކެވެ. އެފަދަ މަޤާމުތަކުގައި ތިބޭ މީހުން ނުވަތަ އެމީހުނާއި ގުޅުން އޮންނަ ބައެއްފަރާތްތަކަށް ލިބޭ ކުއްލި މުއްސަދިކަމަކީ ގިނަބަޔަކު ވައިއަޑުން، މަދުބަޔަކު ހަރުހަޑުން ދައްކަމުންދާ ވާހަކަތަކެކެވެ.
އެކުންފުންޏަކަށް ހޯދާ އެކިއެކި މުދަލާއި އެހެނިހެންތަކެތި ހޯދުމަގައި އޭގެ އަސްލު އަގަށްވުރެ އެތައްގުނަ ބޮޑުކޮށް އެތަކެތި ހޯދާ ވާހަކައާއި އައު ތަކެތީގެ ގޮތުގައި ބައު ތަކެތި ހޯދާ ވާހަކައާއި އެތަނަކުން ކުރުވާ މަސައްކަތާއި ކުރާ ދަތުރުފަތުރު ކުރުމުގައިވެސް އެތައްގުނައެއް ބޮޑުކޮށް ނުވަތަ އޮޅުވާލުންތަކެއް އޮޅުވާލައިގެން ގިނަ ޢަދަދެއްގެ ފައިސާ އެކުންފުންޏަކުން ޙަރަދުކޮށް އޭގެން ބޮޑުބައެއް އެމްޑީ އަށް ލިބޭ ވާހަކައެވެ. ބައެއް ކުންފުނިތަކުން ހޯދާ ޚާއްޞަ މެޝިނަރީ އާއި އަގުބޮޑުތަކެތި ހޯދަނީ ސީދާ އެތަކެތި ވިއްކާ ފަރާތްތަކުން ބޮޑެތި "ކަޓު" ލިބޭގޮތަށް ކަންކަން ހަމަޖައްސައި އިންތިޒާމް ކޮށްގެން ކަމާއި، އެމްޑީ އާއި ގުޅުން އޮންނަ ފަރާތްތަކަށް ނޫނީ ގިނަފަހަރަށް މަސައްކަތެއްވެސް ދަތުރެއްވެސް ނުލިބޭނެކަމާއި ކަޓު ނުލިބޭގޮތަށް އެއްވެސްކަމެއް ނުވާނެ ކަމަށްވެސް ވާހަކަދެކެވެއެވެ. ކަޓުގެ ބައި އޮންނަނީ ކުންފުނީގެ ސިސްޓަމް ތެރޭ ވަރަށް ރަނގަޅަށް ރޭވި އިންތިޒާމް ކުރެވިފައި ކަމަށްވެސް ވެއެވެ.
އެމްޑީން މިފަދަ ޖަރީމާތައް ހިންގަނީ އެމަސައްކަތް ކުރާ އެކުންފުނީގެ މުވައްޒަފުންނަށްވެސް ބައެއް އަޅައިގެން ކަމަށާއި އެފަދަ ޖަރީމާތައް ހިންގާދޭ މުވައްޒަފުންނަކީ ޤާބިލް ކަމާއެކު އެންމެރަންގަޅަށް މަސައްކަތްކުރާ މުވައްޒަފުން ކަމަށް އެމްޑީ ދެކޭ މުވައްޒަފުން ކަމަށްވެސް ވެއެވެ. އެފަދަ ޖަރީމާއެއް ނުހިންގާ ނުވަތަ ހިންގަން ނުކެރޭ މުވައްޒަފުންނަކީ ޤާބިލް ނޫން މުވައްޒަފުންނަށްވެސް ވެފައިވާކަމަށް ވެއެވެ. ހަމައެގޮތަށް މިފަދަ ޖަރީމާތައް ހިންގާ އެމްޑީންނަކީ ގިނަފަހަރަށް ވަރަށް ޤާބިލް އަދި ހިންގުންތެރިންގެ ގޮތުގައި ބައެއް ފަރާތްތަކަށް ޚާއްޞަކޮށް ޤައުމުގެ އިސްވެރިންނަށް ފެންނަކަމަށާއި، އެގޮތަށް އެކަންވަނީ އެ އެމްޑީންގެ ޗާލާކީ މޮޅު ހުނަރާއި ޙީލަތާއި މަކަރުވެރި ރޭވުމުގެ ސަބަބުން ކަމަށްވެސްވެއެވެ.
ޙަޤީޤަތަކީ ރަގަޅުގޮތުގައި މަސައްކަތްކުރާ ތެދުވެރި އެމްޑީ އިން ތިބިނަމަވެސް ގިނަ އެމްޑީ އިންގެ ޙާލަކީ މިއީކަމެވެ. ބައެއް އެމްޑީންނަކީ އެމަޤާމަށް ޝަރުޠު ފުރިހަމަނުވާތީ އެމަޤާމް ނުދިނުމުން ބޮޑާހާކައިގެންނާއި ރުޅިހަދާ ނުފޫޒު ބޭނުންކޮށްގެން އެމަޤާމުގެ ކްރައިޓީރިއާރ ބަދަލުކޮށްގެން އެމަޤާމް ދީފައިވާ މީހުންނެވެ. އެމީހުންނަކީ އެފަދަ މަޤާމެއްގެ މަސައްކަތް ކުރުމުގެ ޤާބިލްކަމެއް ނެތްނަމަވެސް އަގައިންނާއި މަކަރުވެރި ގޮތްތަކުން މަޤާމް އަދާކުރަމުންދާކަން ދައްކަމުންދާ ބައެކެވެ.
ވައްކަމާއި ކޮރަޕްޝަން ހިންގާ އެމްޑީ އިން އެމަޤާމްތަކުގައި ތިބޭތާ ދެތިން އަހަރުތެރޭ ބޮޑު މަހުޖަނަކަށް ވާކަމާއި އެތައް އެސެޓެއްގެ ވެރިފަރާތަށް ނުވަތަ ސިއްރުވެރިފަރާތަށް އެމީހުންވާކަމީ ޙަޤީޤަތެކެވެ. އެމީހުން ވަގަށް ނަގަމުން ފޭރެމުން އެދަނީ ރައްޔިތުންގެ ފައިސާކަން ޚުދު އެމީހުންނަށްވެސް އެގޭނެއެވެ.
ބިރެއް ޖެހިލުމެއްނެތި އެފަދަ ކަންކަން ކުރަމުންދަނީ އެކަން ބެލި ޙައްޤު އަދަބު ދެވޭނެގޮތެއް ނެތީމައެވެ. އަތުޖެހުނުގޮތަކަށް އަތުޖެހުން އެއްޗެއް ނެގީމާ ނިމޭ އުޞޫލުއޮންނާތީއެވެ. މިފަދަމީހުން އެމަޤާމުގައި ތިބޭއިރު ރައްޔިތުންގެ ފައިސާ ނެގޭވަރަކަށް ނަގައި ބޭނުންކުރުމަކީ ފަހުންވެސް އެއްވެސް މައްސަލައެއް ނެތް ކަމެއްކަމަށް ވަންޏާ އެގޮތަށް އެކަން ނުކުރާނީ ބައެއް މީހުންގެ ނަޒަރުގައި ބޮޑެތި މޮޔައިންނެވެ. އެފަދަ މީހުންނަށް އެ މަޤާމްތައް ދިންފަރާތްތަކުންނާއި ޤާނޫންތަކުން އެކަން ބަލަންޖެހޭ ފަރާތްތަކުން ނުބަލާނަމަ ހުރިހާދެރައަކާއި ނިކަމެތިކަމެއް އޮތީ ރައްޔިތުންނަށެވެ.
ކޮންމެބަޔަކުވެސް ރައްޔިތުންގެ ފައިސާ ކާނެވަރަކަށް ކައިފަ ނޫނީ ނަގާނެވަރަކަށް ނެގީމަ އެނިމުނީއެވެ. ބައެއް ފަހަރަށް މިފަދަ ފަރާތްތަކުން އެމަޤާމްތަކުގައި ދެމިތިބެނީ ނުފޫޒުގަދަ ފަރާތްތަކެއްގެ ބާރުވެރިކަމާއި މަދަދާއި އެހީތެރިކަން ލިބިގެންނެވެ. ރައްޔިތުންނަށް އޮތީ މަޑުމަޑުން ނުވަތަ ސިއްރުސިއްރުން އެވާހަކަ ދައްކަދައްކާތިބުމެވެ. ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ބޮޑުކޮށް ޚިޔާނާތްތެރި ވަމުންދާއިރުވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތް ޙާލުގައެވެ.
ރާއްޖޭގެ ކަންކަން ތަރުތީބު ވަމުންދާގޮތުން ބުނެވޭނީ އެމްޑީ އިންނަށްވެސް ލިބިފައިވަނީ ހަމަ ބިޔަބޮޑު ތެޔޮ ވަޅުތަކެއް ކަމެވެ.
ނޯޓް: މިއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ޚިލްމީގެ އަމިއްލަފުޅު ޚިޔާލުގެ މައްޗަށް ލިޔުއްވާފައިވާ ލިޔުމެކެވެ.