ޕީޕީއެމްގެ ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލީ ރަށް ހއ. ވަށަފަރަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މުއިއްޒު މިއަދު މެންދުރުފަހު ވަށަފަރަށް ވަޑައިގެންނެވިއިރު އެރަށުގެ އާބާދީގެ ބޮޑު ބައެއް ބަނދަރު ސަރަހައްދަށް ނިކުމެ ތިއްބެވެ. ވަށަފަރަށް މުއިއްޒު ފޭބުމާއެކު "ވަށަފަރު މުއިއްޒު" ހޮވަންވާނެ ކަމަށް ބުނެ މުއިއްޒުއަށް ތާއީދުކޮށް ޝުއޫރު ފާޅުކޮށްފައިވެއެވެ.
މުއިއްޒުގެ ބައްޕަ ޝައިހް ހުސެއިން އަބްދުއްރަހުމާނަކީ ވަށަފަރު ރައްޔިތުންގެ ވަރަށް ބޮޑު އިހްތިރާމަކާއި ލޯތްބެއް އޮންނަ ބޭފުޅެކެވެ. އަދި އޭނާ އަކީ ހއ. އަތޮޅުގައި ވެސް ނަން ހިނގާ އިލްމުވެރިޔެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު މިސްރުގައި ކިޔަވާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝައިހް ހުސައިން އަބްދުއްރަހްމާން އަވަހާރަވީ 2015 ވަނަ އަހަރުއެވެ.
މުއިއްޒު އުފަންވެ އުޅެ ބޮޑުވީ މާލޭގައި ކަމަށްވީ ނަމަވެސް މުއިއްޒުގެ އާއިލީ ވަރަށް ގިނަ ބޭފުޅުން މިހާރުވެސް ވަށަފަރުގައި އުޅެއެވެ.
ވަށަފަރު ބައެއް ރައްޔިތުން ބުނާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ވަށަފަރުގެ ތަރައްގީއަށް އިސްކަންދެެއްވިއެވެ. މިފަހަރުގެ އިންތިހާބުގައި ވަށަފަރުން އެންމެ ގިނަ ވޯޓު ހޯއްދަވާނީ މުއިއްޒު ކަަމަށްވެސް ވަށަފަރުގެ ބައެއް މީހުން ބުނެފައިވެއެވެ.
Progressive Congress Coalition ge Riyaasee candidate, Dr Mohamed Muizzu ge ufan rah Ha. Vashafarah vadaigathumun erashu rayyithun hoonu marhabaa eh dhannavaifi@MMuizzu @HucenSembe#Vote4Muizzu#DrMuizzuSembe2023#DhiveheengeRaajje#FreePresidentYameen pic.twitter.com/XyxCAmL7W3
— Progressive Party of Maldives (@ProgressPartyMV) August 14, 2023
މުއިއްޒު ވަށަފަރަށް ވަޑައިގެންނެވިއިރު މިސަރުކާރުން ވަށަފަރަށް ވެފައި ހުރި ގިނަ ވައުދުތައް އަދިވެސް ނުފެދެއެވެ. އޭގެތެރޭގައި ސްކޫލްގެ އާއިމާރާތުގެ މަސައްކަތާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް ހިމެނެއެވެ. މުއިއްޒު ކެމްޕޭނަށް ހއ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.