ނ.އަތޮޅުން ރެކޯޑު އަދަދަކަށް ވޯޓުލިބޭނެ، އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް

ނ.އަތޮޅުން ރެކޯޑު އަދަދަކަށް ވޯޓުލިބޭނެ، އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް

ނ.އަތޮޅުން ރެކޯޑު އަދަދަކަށް ވޯޓު ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ބޮޑު ތާއީދެއް އޮންނަ ނ.އަތޮޅުގެ 13 ރަށަކަށް ރައީސް ޞާލިހު މިހާރު ވަނީ ވަޑައިގެންފައެވެ. ނ.މާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޞާލިހު ވިދާޅުވީ، ނ.އަތޮޅުގެ މިހާތަނަށް ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެނިގެން ދިޔައީ އާދަޔާއި ޚިލާފް ރޫހަކާއި، ސަޕޯޓެއް ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނ.އަތޮޅުގެ ރައްޔިތުންގެ ބޮޑުތާއީދެއް އެމްޑީޕީ ކޯލިޝަނަށް ލިބިގެންދާނެކަމަށް ޔަގީން ކުރައްވާކަމަށެވެ.

އަޅިގަނޑަށް ޔަގީން މިއަތޮޅުން އަޅުގަނޑުމެންނަށް ރެކޯޑު އަދަދަކަށް ވޯޓު ލިބޭނެކަން. މިއަތޮޅުން ލިބޭ ބޮޑު ތާއީދާއިއެކު އަޅުގަނޑުމެން އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބުގައިވެސް ސިޔާމްއާއިއެކު އެއްކޯލިޝަނެއްގައި މަސައްކަތް ކުރުމަށް އެކި މަޝްވަރާތައް ކުރެވުނު ކަމަށެވެ. ނަމަވެސް އޭރުގެ ވެރިކަން ކުރަމުންދިޔަ ގޮތުންނާއި ވެރިކަމުގައި ހުންނަވި ފަރާތުން ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކާއި ބިރުވެރިކަމަށްޓަކައި ސިޔާމަށް އެދުވަހު އެކީގައި މަސައްކަތް ނުކުރެވުނީކަމަށެވެ.

ނަމަވެސް އޭރުވެސް ބައިއަތު ހިފި އެއްކަމަކީ މިފަހަރުގެ އިންތިޚާބުގައި އެކީގައި މަސައްކަތް ކުރުންކަމަށެވެ. ސިޔާމް އެމްޑީޕީ ކޯލިޝަންގައި މަސައްކަތް ކުރަން ފެށުމާއިއެކު ލިބިގެންދިޔައީ ބޮޑު ހިތްވަރެއް ކަމަށާއި، އެތަފާތު ނ.އަތޮޅުން ފެންނަ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ނ.އަތޮޅުގެ ރަށްތަކަށް ބޭނުންވާ ތަރައްޤީ ގެނެސްދޭނީ އުފަލާއިއެކުގައި ކަމަށެވެ. ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރުގައި މާފަރު އެއާޕޯޓް އިތުރަށް ތަރައްޤީކޮށް ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *