ޖުމްހޫރީ ޕާޓީގެ ވެރިކަމުގައި ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށް ދެއްވާނެކަމަށް ޖުމްހޫރީ ޕާާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ޖޭޕީން ބޭއްވި ކަށަވަރު ބޯހިޔާވެހިކަން ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ޑރ. އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމްގެ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައި ހުރި ކަންތައްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.
އާދެ "ކަށަވަރު ބޯހިޔާވަހިކަން" މި މައިގަނޑުގެ ދަށުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކަކީ އެއްވެސް ޝައްކެއް ނެތްގޮތެއްގައި އަޅުގަނޑަށް ގަބޫލުކުރެވެނީ އެއީ ހަމަ ވަރަށް ބައްލަވާފަ އަދި އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން ހޯއްދަވާފަ ވެވަޑައިގަންނަވާ ވައުދުތަކެއް. ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިއަދަކު އެކަނި އޮތްކަމެއް ނޫން. ރާއްޖޭގަ ވަރަށް ކުރީއްސުރެ ފެށިގެންވެސް އޮތް މައްސަލައެއް އެއީ.
– އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޖޭޕީގެ މެނިފެސްޓޯގައި ވަނީ އެ ޕާޓީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 30،000 ހައުސިން ޔުނިޓް ގާއިމްކޮށްދޭނެ ކަމަށެވެ. އެގޮތުން އެ ވައުދުގެ ދަށުން އެކި ދަރަޖަތަކުގައި ހައުސިން ޔުނިޓްތައް އެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އެއްވެސް މީހަކު އެކަމުން މަހްރޫމްނުކޮށް އޭގެ ފަސޭހަ ހުރިހާ އެންމެނަށްވެސް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ގެދޮރުގެ ކަންތައްތައް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ ރާއްޖޭގައި ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް އެއަށް ޑިމާންޑް ކުރާކަމެއް. ބޭނުންވާކަމެއް. އެހެންވީމަ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުވުމަކީ އަޅުގަނޑުމެންގެ ވެރިކަމެއްގައި މާތް ރަސްކަލާންގެ ވާގިފުޅާއެކުގައި އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެން ކަށަވަރުކަންދޭ ކަމެއް. އެކަން އަޅުގަނޑުމެން ކުރާނަން.
– އަމީން ވިދާޅުވިއެވެ.
ޑރ. އަމީން ވިދާޅުވީ ގޯތު ލިބިފައިވާ މީހުންނަށް ގެ އެޅުމަށް ފަސޭހަ އިންތިޒާމްތައް ޖޭޕީގެ ސަރުކާރެއްގައި ހަމަޖެހިގެންދާނެ ކަމަށެވެ. އެ މީހުންނަށް ފަސޭހައިން ލޯނު ލިބި އިކުވެޓީއާއި އިންޓްރަސްރޭޓް ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއީ އެ ޕާޓީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.