އިދިކޮޅު ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަކީ ބިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީން ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އިދިކޮޅުގެ ލީޑަރު ރައީސް ޔާމީނަށް އަނިޔާދީ ނޭއްގާނީ އަމަލުތައް ހިންގަމުންދާތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށެވެ. ރާއްޖޭގެ ތާރީހުގައި ވެސް ވެރިކަން ކޮށްފައި ހުރި މީހަކަށް މިހާ އަނިޔާކުރި ސަރުކާރެއް ދެކިވަޑައިގެންނުވާ ކަމަށް ސަލީމް ވިދާޅުވީ އިސްލާމީ ތާރީހުގައި ވެސް މިހާ އަނިޔާވެރިކޮށް ރައީސްއަކާއި ދޭތެރޭގައި އަމަލުކޮށްފައިނުވާ ކަމަމުގެ މިސާލު ދައްކަވަމުންނެވެ.
ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން ސަލީމް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގެ އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވާންޖެހޭނީ ޔާމީން ސަލާމަތް ކުރުން ކަމަށާއި އެއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ.
މަގު ހެދުމެއް ނޫން އަދި ބަނދަރު ހެދުމެއް ވެސް ނޫން، މި ހުރިހާ ޕްރޮޖެކްޓުގެ ތެރެއިން އެންމެ ވަރުގަދަ، އެންމެ ބޮޑު ޕްރޮޖެޓަކީ، ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކީ ރައީސް ޔާމީން ސަލާމަތްކޮށްގެން ތިޔަ ގޮނޑީގައި ބޭންދުން. އޭގެ ފަހުގައި އަޅުގަނޑުމެންގެ ދެން ހުރި ޕްރޮޖެކްޓުތައް އަންނާނީ. އޭގެ ދަށަށް. މިއީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް. ބިލިއަން ބިލިއަން.
– ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގައި ތިބި ވަރުގެ ބައެއް މިސަރަހައްދުގައި ވެސް ނުތިބޭނެ ކަމަށެވެ. އެ ޕާޓީ ރޫޅާލުމަށްޓަކައި ފުޑާލުމަށްޓަކައި ރާއްޖޭގެ ހުރިހާ ދިމާލަކުން މަސައްކަތްކުރި ކަމަށާއި ސަރުކާރުން އެ މަސައްކަތްކުރި ކަމަށާއި އެހެން ޕާޓީތަކުން އެ މަސައްކަތްކުރި ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްގޮތެއް ހަދާނުލައި އިދިކޮޅުގެ ލީޑަރު ޖަލުގައި ހުންނަވައިގެން އެ ޕާޓީ ކޮންޓްރޯލް ކުރެއްވި ކަމަށް ވިދާޅުވިއެވެ. އޭގެ މާނައަކީ އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަކީ މި ސަރަހައްދުގައި ނެތްވަރުގެ މޮޅު މީހުންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ސަފުތައް އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. މުޅި ރާއްޖޭގައި ސަފުތައް ރުކުރުވާލަންޖެހޭ ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށާއި ދެނެން އެ ބޭފުޅުން މައިތިރި ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
One Response
އޭބަލަސަލީމް ޔާމިނުމިނިވަން ވުމަކީދައުލަތުގެ ބޭތުލްމާލްހުސކޮއްލާނެކަމުގެ ޔަގީންކަން ވަރައްބޮޑު އެހެންވީމަ ދޫކުރުމަކީ ބުއްދިވެރިކަމަކައް ނުުވާނެ