ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ދަށު ކޯޓްގެ ހުކުމްގައިވެއެވެ. އެ މުއްދަތު ވަނީ މިދިޔަ ޖޫންމަހަށް ހަމަވެފައެވެ.
ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ސަބަބުތަކުގެ ތެރޭގައި ދަށު ކޯޓްގެ ހުކުމްގައިވާ ފައިސާ ނުދައްކަވާ އޮތުން ސާބިތު ދަރަންޏެއް އޮތްކަމަށް ވަނީ ހިމަނާފައެވެ. މި ނިންމުމާއި ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވެގެން އެކަން އެމަނިކުފާނަށްވެސް އަދި އެމަނިކުފާނުގެ ޤާނޫނީ ޓީމަށްވެސް ކަމާއި ބެހޭ އިިދާރާއިން އަންގަވާފައި ނުވާކަމަށެވެ.
އެހެންނަމަވެސް މި މައްސަލާގައި މިއަދު ސުޕްރީމްކޯޓުން އިއްވި ހުކުމްގައި ވަނީ ފައިސާ ނުދައްކައިގެން އެކަމުގެ ލިޔުން ރައީސް ޔާމީންނަށް މީރާއިން ފޮނުއްވާފަައިވާކަން ރެކޯޑްތަކުން ފެންނަކަމަށެވެ. އަދި އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް ދެއްވުމަށް އެދިވަޑައިގެން ރައީސް ޔާމީން ސޮއިކޮށް ޕިންގަރ ފްރިންޓް ޖަހާފައިވާކަން ކަރެކްޝަންސްގެ ލިޔުންތަކުން އެނގޭކަންވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވެެއެވެ.
ސުޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު ޖަލުހުކުމެއް ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުން ރަނގަޅުކަމަށެވެ.
ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތަކަށް ވިސްނައި މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ސިސްޓާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުކޮށްފައެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން މިހާރު ބުނަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނުކުންނަ ނަމަ ޕީއެންސީން މުއިއްޒު ވާދަ ނުކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އޭނާގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅާނެ ކަމަށް މުއިއްޒުގެ ކެމްޕެއިން ޓީމުން ބުނެއެވެ.
One Response
އެބަ ރަގަޅުވޭ! ދަރަނި ނުދެއްކީމާ އެކައުންޓްތަކުގައި ހުރި ފައިސާ ދައުލަތަށް އަވަހަށް ނަންގަވާ އަދި ހުރި ގެދޮރެއްވިޔަސް ނަންގަވާށެވެ. އެ ހަދާ ގަޑުވަރަކީވެސް ދިވެހިންގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދާފައި ހުރި ދިވެހި ރައްޔިތުންގެ މިލްކިއްޔާތެވެ.