ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު އިންތިހާބު ބޮއިކޮޓް ކުރުމާއިމެދެ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓުން ގޮތެއް ނިންމުމަށް ހުށަހެޅި ނަމަވެސް އެހުށަހެޅުމަށް ތާއީދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލިދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އިންތިޚާބު ބޮއިކޮޓް ކުރުމުގެ މައްސަލާގައި ގޮތެއް ނިންމުމުގެ ސެނެޓް ބައްދަލުވުން މިހާރު ދަނީ ފެށިގެން ކުރިއަށެވެ. ނަމަވެސް މިބައްދަލުވުން ފެށުމުގެ ކުރިން މުއާޒު ވަނީ އިންތިޚާބު ބޮއިކޮޓް ކުރަން ދެކޮޅު ހަދާކަމަށް ބުނެފައެވެ. އަދި އޭނާ އިއްޔެ ވަނީ އިދިކޮޅު ޕީއެންސީން ނިންމާފައިވާގޮތަށް ޑރ.މުއިއްޒު އިންތިޚާބުގައި ވާދަކުރަން ތާއީދު ކުރާކަމަށް ވިދާޅުވެފައެވެ.
މުއާޒު ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓަކު ދެއްކިޔަސް ދެން ތާއީދު ނުކުރައްވާނެކަމަށެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި އިދިކޮޅު ކޯލިޝަނުން ނެރޭނެ ކެނޑިޑޭޓަކީ ޑރ.މުއިއްޒުކަމަށް ނިންމަވާފައިވާއިރު، އެނިންމުމާއި ދެކޮޅަށް ދެން ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރާނެކަމަށް މުއާޒު ވިދާޅުވިއެވެ.
އިންތިޚާބު ބޮއިކޮޓްކުރުމާ ދެކޮޅު.
— Muaz Mohamed Rasheed (@muazmr) August 6, 2023
ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާ އެކު ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ކުށުގެ އަދަބާ އެކު އިއްވާފައިވާ ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ފައިސާ ނުދައްކާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ނުދައްކާ އޮތުން ކަމަށް މާނަކުރެވޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވިއިރު ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން އެކުގައި މަސައްކަތް ކުރާ ޕީއެންސީ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީ އިން އިންތިހާބުގައި ވާދަކުރުމަށް ނިންމާ ޕީއެންސީގެ ރިޔާސީ ޓިކެޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދީފައެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ "ޕްލޭން ސީ" ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވާތީ ޕީޕީއެމް އާއީ ޕީއެންސީގެ ތެރޭގައި މިހާރު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް އުފެދިފައެވެ.
ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕްލޭން އޭ އަކީ ރައީސް ޔާމީން އެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެވޭނަމަ ޕްލޭން ބީ އަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވެސް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވެފައި ވަނިކޮށް ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދަނީ ވެސް ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.