ކުށްވެރިންނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭ ގޮތަށް ގާނޫނުއަސާސީ މާނަ ކުރުމަކީ ގާނޫނުއަސާސީގެ ކަރާމާތް ހިފެހެއްޓުމަށްޓަކައި ވެސް ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް ނިންމީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އާއި އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުން ސާބިތު ދަރަންޏެއް އޮތުމާއި ގައިދީންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނޯންނާތީކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮތުމުން އެމަނިކުފާނަށް ވާދަ ކުރެއްވޭނެ ކަމަށް ވިދާޅުވެ އެވެ. އެއީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ބަޔާންކުރާ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ ބުނެފައިވާ ހުކުމުގެ މާނައަކީ އިސްތިއުނާފް ނިމުމަށް ފަހު އޮންނަ ނިހާއީ ހުކުމެއް ކަމަށް ވިދާޅުވި އެވެ.
ހުކުމުގައިވާ ގޮތުން ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ބޭފުޅުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ލިޔެފައި އޮތީ ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ނަޒާހާތްތެރި ބޭފުޅުން ކަން ކަށަވަރު ކުރުމަށެވެ. އަދި ގާނޫނުއަސާސީ ހެދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ވިސްނުމަށް ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެގޮތަށް އަމަލު ކުރުމަކީ ގާނޫނުއަސާސީގެ ކަރާމާތް ހިފެހެއްޓުމަށްޓަކައި ކޯޓުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
"މި އުސޫލު މިގޮތަށް ދެމެހެއްޓުމަކީ ގާނޫނުއަސާސީގެ ކަރާމާތް ހިފަހައްޓައި، ގާނޫނުއަސާސީ ހެދި މަޖިލީހުގެ ވިސްނުން އެގޮތަށް ދެމެހެއްޓުމަށްޓަކައި އަހުރެންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް." ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ހުކުމުގައިވާ ގޮތުން ގާނޫނުއަސާސީގެ މާއްދާއެއް މާނަ ކުރުމުގައި ފުރަތަމަ ބަލަން ޖެހޭނީ ގާނޫނުއަސާސީގައި ލިޔެފައި އޮންނަ އެއްޗަކަށެވެ. އަދި އެ ނޫން ގޮތަކަށް މާނަ ކުރަން ޖެހޭނީ އެގޮތަށް މާނަ ކޮށްގެން ހައްލެއް ނުލިބިއްޖެނަމަ ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
"ގާނޫނު އަސާސީގައި ސާފު އިބާރާތުން ވަކި އެއްޗެއް ލިޔެފައިވާ ނަމަ ރުޖޫއަ ވާންޖެހޭނީ އެ އިބާރާތުން ދޭހަވާ މާނައަށެވެ. އަދި ގާނޫނުއަސާސީގެ މާއްދާއަކަށް އުނި އިތުރު ގެނައުމުގެ ބާރެއް ކޯޓަކަށް ލިބިގެނެއް ނުވެ އެވެ." ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.
މީގެކުރިން މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލާގައި އިސްތިއުނާފް ނިމެންދެން އޭނާގެ މެމްބަރުކަމުން ގޮނޑި ނުގެއްލޭނެ ކަމަށް 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމާއި ޔާމީންގެ މައްސަލައާ ތަފާތުވި ސަބަބު ވެސް ހުކުމުގައި ތަފްސީލުކޮށްދިނެވެ.
އެގޮތުން އިސްމާއިލް އަބްދުލްހަމީދުގެ މައްސަލައަކީ އޭނާ މެމްބަރު ކަމުގެ މަގާމުގައި ހުއްޓާ އައި ހުކުމެއްގެ ސަބަބުން އޭނާއަށް މެމްބަރުކަމުގެ މަގާމުގައި ހުރެވޭނެ ކަމާ މެދު ބެލި މައްސަލައެއް ކަމަށް ވާއިރު، ޔާމީންގެ މައްސަލައަކީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތާ ގުޅޭ މައްސަލައެއް ކަން ހުކުމުގައި ފާހަގަކުރި އެވެ.
"އެ ގަޒިއްޔާގައިވާ އުސޫލެއް ތަތުބީގު ކުރެވޭނީ ހަމަ އެފަދަ ހާލަތެއްގައި ހަމަ އެފަދަ ނަތީޖާއެއް ނެރެވޭ ނަމަ އެވެ. ވުމާ އެކު ހުށަހެޅިފައިވާ މައްސަލައަކަށް އެ ގަޒިއްޔާގައިވާ އުސޫލު ތަތުބީގު ކުރަންޖެހޭ ފަދަ ހާލަތެއް ވުޖޫދުގައި އޮތް ކަމަކަށް ނުދެކެމެވެ." ހުކުމުގައިވެ އެވެ.
ޔާމީންގެ ޖަލު ހުކުމް އޮތުމުން އިތުރުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކަވާ އޮތުމުން އެއީ ވެސް އިންތިހާބުގެ ޝަރުތު ހަމަނުވާ ސަބަބެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު ސުއޫދުގެ ރަޢުޔު ކުރުކޮށް
- ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައިވާ އިބާރާތުގެ މާނައިގައި އޮޅުމެއް ނެތް. އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ވުމަށް ލާޒިމު ވުމަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ނެތް.
- މައުސޫމު މީހެއް ކަމަށް ނުވަތަ ނޫން ކަމަށް ބަލާނީ، ނިހާއީ ހުކުމަކުން ކަން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުން އެނގޭ. އެހެން ނަމަވެސް އެ މައްސަލަތަކާ ހިނގަމުންދާ ޔާމީނުގެ ކެންޑިޑެސީ މައްސަލައާ ގުޅުވައިލެވެން ނެތް.
- ޖަލު ހުކުމެއްގައި ހުރެމެ އިންތިޚާބީ މަގާމަކަށް ކުރިމަތިލުމާ ގުޅޭ ގޮތުން، ކުރިން ބެލި ގަޒިއްޔާތަކުގައި ބަލާފައެއް ނުވޭ. އެ ފުރުސަތު ނުކުމެދާނެ ގާނޫނީ އައިބުތަކަކާ ގުޅޭ ގޮތުން ވެސް އެއިން މައްސަލައެއްގައި ބަހުސް ކުރެވިފައެއް ނުވޭ.
- ގާނޫނު އަސާސީގައި ބަޔާންކުރާ ހައްގުތަކަކީ މުތުލަގަށް ލިބިދޭ ހައްގެއް ނޫން. ގާނޫނު އަސާސީން އެ ހައްގުތައް ހަނިކުރެވޭނެ. ގާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ މާއްދާއިން، އެ މާއްދާގެ ތަރަހައިގެ ތެރެއަށް އެ ހައްގު ހިފެހެއްޓެވޭ.
- ޖިނާއީ މައްސަލައެއްގެ ކުށުގެ އަދަބަކަށް ކަނޑައަޅާ ޖޫރިމަނާއެއް ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް. ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު ނުދައްކާކަން މިރާގެ ނޯޓިސް އިން އެނގޭ. އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ ރަނގަޅަށް.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުގައި ހިމެނޭ ހަތް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ކުރިމަތިނުލެވޭނެ ކަމަށް ހުކުމްކޮށްފިއެވެ.
ކޮމެންޓު ފޮނުވާ