ރަޝިއާއިން އެގައުމުގެ ކުލިނިކްތަކުގައި އާންމުކޮށް ކޯވިޑް19 ވެކްސިން ދޭން ފަށައިފިއެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގެ ކުލިނިކްތަކުގައި އެގައުމުގެ ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ވެކްސިން ޖެހުމަށް އެންމެ ބޭނުންވެފައިވާ ގިންތިތަކުގެ މީހުންނަށް އަމާޒުކޮށްގެން ކަމަށް ރަޝީއާގެ ރަސްމީ އިދާރާތަކުން މައުލޫމާތު ދެއެވެ.
މިގޮތުން މިހާރު ރަޝިއާއިން ދަނީ، އެގައުމުން އުފައްދާފައިވާ ކޯވިޑް19 ވެކްސިން، "ސްޕަންޓިކް V" އެގައުމުގައި ބޭނުން ކުރަމުންނެވެ.
ރަޝިއާގައި ވެކްސިން އުފެއްދި ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، މިވެކްސިނަކީ %95 ކާމިޔާބު، އަދި މާބޮޑު ސައިޑް އިފެކްޓެއް ފެންނަން ނެތް، ރައްކާތެރި ވެކްސިނެކެވެ. އެހެންނަމަވެސް، އަދިވެސް މިވެކްސް ދަނީ، ތަހުލީލު ކުރުމުގެ ގޮތުން ގިނަބަޔަކަށް ދެމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި، ހަފްތާ ބަންދުގައި، މިވެކްސިން ޖެހުމަށް ބޭނުންވާ އެތައް ހާސް ބަޔަކުވަނީ، ރަޝިއާގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީ ވެފައެވެ. އެހެންނަމަވެސް، ރަޝިއާއަށް މިހާތަނަށް އުފެއްދިފައިވަނީ މީގެ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
މިވެކްސިން ރަޝިއާގައި އުފައްދާ ފަރާތުން މިއަހަރު ނިމެންވާއިރަށް އުފެއްދުމަށް ހަމަޖެހިފައި ވަނީ މީގެ 2 މިލިއަން ޑޯޒެވެ.
މޮސްކޯގައި ހިންގޭ ވެކްސިން ދިނުމުގެ މި ޕްރޮގްރާމް އިއުލާން ކުރައްވަމުން، މޮސްކޯގެ މޭޔަރު ސާގީ ސޮބްޔަނިން ވިދާޅުވެފައިވަނީ، 13 މިލިއަން މީހުން ދިރި އުޅެމުންދާ މޮސްކޯގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، ސްކޫލްތަކުގައި މަސައްކަތް ކުރާ މީހުންނަށާއި، ސިއްހީ ޚިދުމަތްތެރިންނަށާއި، އަދި މީގެ އިތުރުން އިޖިތިމާއީ މަސައްކަތްތެރިންނަށް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ވެކްސިން އުފެއްދެމުން ދާވަރަކަށް، މިލިސްޓް އިތުރަށް ފުޅާވަމުން ދާނެއެވެ.
މިހާރު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ، އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ވެކްސިން ޖެހުމަށް އޮންލައިންކޮށް ރަޖިސްޓްރީވުމަށް މޮސްކޯގައި މިހާރުވަނީ 70 ސަރަހައްދެއް ހަމަޖައްސާފައެވެ.