އެމްޑީޕީގެ މާލެ އޭރިއާގެ ކޯޑިނޭޓަރު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ، ނައިބު ރައީސް ފައިސަލް ނަސީމަށާއި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖެއްސި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް ތައުރީފް ކުރައްވައިފިއެވެ.
އަންނަ މަހުގެ އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އަސްލަމެވެ. އެކަން ނައިބު ރައީސް ފައިސަލް ނަސީމަށް ވެސް ރައީސް ވަނީ އަންގަވައިފައެވެ.
ނައިބު ރައީސް ފައިސަލް ނަސީމަށް ތައުރީފް ކުރައްވައި މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނަކީ ރައީސް ސޯލިހަށާއި ރައްޔިތުންނަށް ހިތްހެޔޮ، ތެދުވެރި، އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. ފައިސަލް ގެންދަވަނީ އަމާނާތްތެރިކަމާ އެކު ނައިބު ރައީސް ކަން ކުރެއްވުމުގައި ނަމޫނާ ދައްކަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
Congrats @Aslamdp A very experienced, trustworthy, suave, sharp politician. MP @aslamdp is doing an excellent job as #MDP PG Leader. He is the sitting MP for Hithadhoo Uthuru Dhaira & is currently serving his 4th term. May Allah bless our campaign.Aameen #UfaaaveriAmaanRaajje💛 https://t.co/FaRwf1CTZo
— Mariya Didi 🎈 (@MariyaDidi) August 5, 2023
އެކަމަށްޓަކައި މާރިޔާ ވަނީ ޝުކުރު ވެސް ދަންނަވައި، އެމަނިކުފާނަށް ހެޔޮ އެދިވަޑައިގެންފައެވެ.
ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވާ މާރިޔާ އަސްލަމަށް ތައުރީފްކޮށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަސްލަމަކީ ވަރަށް ތަޖުރިބާ ހުރި، އިތުބާރު ކުރެވޭ ވަރުގަދަ ސިޔާސީ ބޭފުޅެއް ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ހައިސިއްޔަތުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ.

މިއީ އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާތާ ހަތަރު ވަނަ ދައުރެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލިހުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މަޖިލިހުގައި މިހާރު އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ.
ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު ކަން މާރިޔާ ކުރެއްވި އިރު، އޭނާ ވަނީ ފައިސަލް އާއި އަސްލަމްއާ އެކީގައި މަސައްކަތް ކުރައްވައިފައެވެ.
ރައީސް ސޯލިހްގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރު ފައިސަލް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައެވެ. އެ ފަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އެމްޑީޕީން ވަނީ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމްއާ އެކުގައި ކޯލިޝަނެއް ހަދައިފައެވެ.
ޖޭޕީން ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު ކަނޑައެޅީ އެ ޕާޓީގެ ކައުންސިލްގައި ނެގި ސިއްރު ވޯޓެއްގައެވެ. ރަނިންމޭޓު ކަމަށް ފައިސަލްއާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.
މިފަހަރު ރައީސްގެ ރަނިންމޭޓަކު ކަނޑައެޅުމަށް ރައީސް ކޯލިޝަންގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާތަކަށްފަހު ހުށަހެޅުނު ނަންތަކުގެ ތެރެއިން ރައީސް ނިންމެވީ އަސްލަމަށް ރަނިންމޭޓްކަން ދެއްވުމަށެވެ.
ކޮމެންޓު ފޮނުވާ