ޕީއެންސީން ނެރޭ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ އިންތިޚާބީ އޭޖެންޓަކަށް ޕީޕީއެމްގެ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރު ހަމަޖައްސައިފިއެވެ.
މުއިއްޒު ވަނީ ހަމްދާން ކެމްޕޭން އޭޖެންޓަކަށް ހަމަޖައްސަވައި، ކުށުގެ ރެކޯޑު ސާފު ކުރުމަށްވެސް ހުށަހަޅާފައެވެ. މުއިއްޒުގެ ރަނިން މޭޓަކަށް ކަނޑައެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތުގައި އިންތިޚާބުގައި ވާދަކުރަން ކަނޑައަޅާފައިވާ ކެނޑިޑޭޓެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ނަން ޕީޕީއެމުން ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާ ކެނޑިޑަސީ ބަލައިނުގަތުމަށް ނިންމާފައެވެ.
ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމުން ސުޕްރީމްކޯޓަށް އެ މައްސަލަ ހުށަހެޅުމުން އިއްޔެ ވަނީ އަޑު އެހުމެއް ބާއްވާފައެވެ. އަދި އިތުރުކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުންކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.
One Response
0