މޯލްޑިވްސް މީޑިއާ ކައުންސިލަށް ޢާންމުންގެ ތެރެއިން ވާދަކުރި އަންވަރު އިބްރާހީމާއެކު އިތުރު ފަސް މީހަކު އިންތިޚާބުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި މިހާރު ކުރިއަށްދާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު މިހާރު ވަނީ އެމްއެމްސީއަށް އާންމުންގެ ތެރެއިން ކުރިމަތިލި މީހުންގެ ވޯޓް ގުނާ ނިމިފައެވެ. މި އިންތިޚާބުގައި ޢާންމުންގެ ތެރެއިން އިންތިޚާބުކުރާ 6 ގޮނޑިއަށް 14 ކެނޑިޑޭޓަކު ވާދަކުރިއެވެ. މިފަހަރުގެ އިންތިޚާބުގައި ޢާންމުންގެ ތެރެއިން 6 މެންބަރަކު އިންތިޚާބުކުރަނީ މިހާރު ކައުންސިލްގައި ތިއްބެވި ޢާންމުންގެ 7 މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ދައުރު ހަމަނުވާތީއެވެ.
ޢާންމުންގެ ތެރެއިން އެމްއެމްސީއަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯދައިގެން އިންތިޚާބު ކާމިޔާބުކުރި 6 ކެނޑިޑޭޓުންނަކީ:
1- ފާތިމަތު އަހްމަދު، ޝަހީމީ މަންޒިލް / ގއ. ވިލިނގިލި: 142 ވޯޓް
2- އަންވަރު އިބްރާހިމް، މަންޒިލް / ބ. ތުޅާދޫ: 112ވޯޓް
3- އިބްރާހީމް ފައުޒީ، ބާޑްވިލާ/ ބ.ތުޅާދޫ:99 ވޯޓް
4- އަހްމަދު މޫސާ، / ހ. އަމްސާވިލާ:90 ވޯޓް
5- ޝަފާއަތު ހަބީބް، ފޭދޫ / ގދ. ހޯޑެއްދޫ:83 ވޯޓް
6- މުހައްމަދު ޝަފާއު ހަސަން / މ. ރިވެލިގެ/ މާލެ:82 ވޯޓް

އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން 12:00 އަށެވެ. އެމްއެމްސީ އިންތިޚާބުގައި ވޯޓްލެވޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓްްރީކޮށްފައިވާ ރޭޑިއޯ ޓީވީ ޗެނަލްތަކަށެވެ. އިންތިޚާބުގެ ވޯޓުލެވޭ ވަގުތީ ލިސްޓުވެސް ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މިލިސްޓުގައިވާގޮތުން 200 މިޑިއާއަކުން ވަނީ ވޯޓްލުމަށް ރަޖިސްޓްރީކޮށްފައެވެ.
އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވި މީހުން ކަށަވަރުވެފައިވާއިރު، މިހާރު ގުނަމުންދަނީ މީޑިއާތަކުން ކައުންސިލަށް ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ވޯޓު ގުނުމެވެ. މީޑިއާތަކުގެ 7 ގޮނޑިއަށް 15 ކެނޑިޑޭޓަކު ވާދަކުރެއެވެ.
ކޮމެންޓު ފޮނުވާ