އިސްތިއުނާފީ ޝަރީއަތްތައް ލަސްވެގެން ދިއުމަކީ އެމަނިކުފާނަށް ބާރެއް ފޯރުވޭނެ އެއްވެސް ކަމެއް ނޫން ކަމަށާއި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަކީ އަސާސީ ހައްގެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީންގެ ހިތުގެ އުދާސްތައް ސުޕްރީމް ކޯޓުގައި ބަންޑުންކޮށްލައްވައިފިއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަކު، އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިތާ އަށް ގަޑިއިރު ނުވަނީސް އެ ކޮމިޝަނުން ވަނީ ފޯމް ބޭރުކޮށްލައިފައެވެ. އެހެންވެ، އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.
ސުޕްރީމް ކޯޓުގައި މިރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޖޫރިމަނާގެ ހުކުމެއް އޮތް ނަމަ އަމަލުކުރާ އުސޫލަކީ މީރާއިން އެކަން ލިޔުމުން އެންގުމަށް ފަހު ފައިސާ ދައްކަންޖެހޭ މުއްދަތު އެންގުން ކަމަށެވެ. އަދި ފައިސާ ނުދައްކަވަން ނޫޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ޖޫރިމަނާގެ ހުކުމާއި ޖަލު ހުކުމް ހުކުމް ފަސްކުރަން ހައި ކޯޓުގައި އެދިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު އެ ހުރިހާ ކަމެއް ދިމާވީ އިސްތިއުނާފް މައްސަލަ ނުނިމި ލަސްވުމުގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑު މި ފައިސާ ނުދެއްކުމުގެ ގަސްދެއް އޮތީކީއެއް ނޫން. މިކަން ކުރަންވާ އުސޫލުން އަޅުގަނޑާ ހަމައަށް ނޮޓިފިކޭޝަން އައިސްފައި ނެތީ. ސާބިތު ދަރަނީގެ އިސްލާހު މިތަނަށް އައިމަ އަޅުގަނޑު މި ދަންނަވަނީ އެއީ ވަކި ޕްރިންސިޕަލްއެކޭ. އަޅުގަނޑު މި އުޅެނީ މުޅި މައްސަލަ އިސްތިއުނާފް ކޮށްގެން. އިސްތިއުނާފް ނުނިމުމުމަކީ އަޅުގަނޑުގެ ކުށެއް ނޫން.
– ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހައްގު ގެއްލިގެން އުޅެނީ އެމަނިކުފާނުގެ އުފެއްދެވުމަކުން ނޫނެވެ. އަދި އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވުމަކީ އެތައް ހާސް ރައްޔިތުންގެ ހައްގެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ދަށު ކޯޓަކުން ކުރާ ހުކުމަކީ "ޕާމަނަންސީ ހުކުމެއް" ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް ވެސް އޮތީ އެގޮތަށް ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވަނީ އެމަނިކުފާނަށް އަދުލު އިންސާފު ނުލިބި ލަސްވަނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދަވައިފައެވެ.
ގއ. ވޮޑަމުއްލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމާ ގުޅިގެން އެމަނިކުފާނު ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނެވިއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓި ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ބާތިލް ކުރުމުން އެމަނިކުފާނު މިނިވަންކޮށްފައި ވަނީ ދެ އަހަރު ފަހުން 2021 ގައެވެ.
ޔާމީން ވިދާޅުވި ގޮތުގައި ވޮޑަމުއްލާ މައްސަލަ ވެސް އެމަނިކުފާނާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުންތައް ގޯސްވެގެންނެވެ. އަދި އެމަނިކުފާނުގެ މައްޗަށް ހުކުމް މި އަންނަނީ ކޯޓުތައް ރިސެސްއަށް ދާ ފަހުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ